Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ވޯޓުން މަކަރުހެދި ކަމަށް އިއުތިރާފުވާ މީހެއްގެ ހެކިބަސް ޝަރުއީ ކޯޓެއްގައި ނުނެގޭނެ

ވޯޓުން މަކަރު ހަދައި، ގަސްދުގައި ވޯޓު ގަޑުބަޑުކޮށްލަން މަސައްކަތް ކުރި ކަމަށް އިއުތިރާފުވާ މީހަކު ޝަރީއަތަށް ދޭ ހެކިބަހަކީ ގަބޫލުކުރެވޭނެ އެއްޗެއް ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ނާކާމިޔާބުވުމުން، މިހާރު އެމަނިކުފާނުގެ ފަރާތުން އިންތިޚާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ އަމިއްލަ ޚަރަދުގައި ވޯޓުން މަކަރު ހެދުމަށް އަނގޮޓީތަކެއް ގެނައި ކަމަށް ބުނާ މީހެއްގެ ސިއްރު ހެކިބަސް ދިނުމަށް ޔާމީންގެ ވަކީލުން ވަނީ ޝަރީއަތުގައި އެދިފައެވެ.

އަދި އެމީހުންގެ ވަނަވަރު ސިއްރުކޮށްދިނުމަށް އެދިފައިވަނީ އެމީހުން ދޭ ހެކިބަހުން އެމީހުންގެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ބެލެވޭތީ ކަމަށް ވަކީލުން ވަނީ އެދިފައެވެ.

އެކަމާ ގުޅިގެން ދިޔާނާ ވިދާޅުވީ، ފަސާދަ އުފެއްދި ކަމަށް އިއުތިރާފުވާ މީހެއްގެ ހެކިބަހެއް ޝަރުއީ ކޯޓުގައި ނަގައި، އޭގެ މައްޗަށް ހުކުމް ކުރާނީ ކިހިނެކުންތޯ ސުވާލު އުފައްދާފައެވެ.

ރައީސް ޔާމީންގެ ވަކީލުން، ތިން ސިއްރު ހެކިންގެ ބަޔާން ހުށައަޅާފައިވާއިރު އެމީހުންގެ ހެކިބަސް ސިއްރުން ނެގުމަށް އެދުމުން ދިފާއީ ވަކީލުން ވަނީ 2 ލައްކަ އަށްވުރެ ގިނަ ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަމެއްގައި ސިއްރު ހެކިބަސް ނެގުމުގެ ފުރުސަތު ލިބިގެން ނުވާނެ ކަމަށް ބުނެފައެވެ.

އަދި ފުރާނައަށް ނުރައްކާވެދާނެތީ ސިއްރުން ހެކިބަސް ނެގުމުގެ ފުރުސަތަށް އެދުމުން މައްސަލައަށް ތަދައްޚުލް ވެފައިވާ އިދިކޮޅު ލީޑަރުންގެ ވަކީލުންގެ ޓީމުން ވަނީ އެފަދަ ވާހަކަތަކެއް ގަބޫލުނުކުރެވޭނެ ކަމަށެވެ. އަދި އެ ހެކިބަސްދޭ ބަޔަކަށް އެބުނާ ނުރައްކަލެއް އޮތް ކަމަށްވާ ނަމަ މައްސަލަ ބައްލަވާ ފަނޑިޔާރުންނާއި، މައްސަލަ ހުށައަޅާފައިވާ ވަކީލުންނަށް ވެސް އެފަދަ ނުރައްކަލެއް އޮންނާނެ ކަމަށް ފެންނަ ކަމަށެވެ.