Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އިބޫއަށް ލިބުނު ވޯޓަކީ ޔާމީނަށް ލިބުނު ވޯޓުކަމަށް ކަނޑައަޅަން ހައިކޯޓަށް

ރައީސް އަބްދުﷲ ޔާމީން، ފޮޓޯ: ރޮއިޓާސް

ސެ؛ޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ލިބިވަޑައިގަތް ވޯޓަކީ އިންތިހާބު ނާކާމިޔާބުވި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތް ވޯޓު ކަމަށް ކަނޑައަޅައި ދިނުމަށް ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ވޯޓު ކަރުދާހުގައި ރައީސް ޔާމީނާއި ދިމާލުގައި ޖަހާ ފާހަގަ އިބްރާހިމް މުހައްމަދު ސޯލިހު އާއި ދިމާލުގެ ގޮޅިއަށް ބަދަލުވާކަމަށް ޕީޕީއެމްއިން ވާހަކަ ދައްކަމުން ދަނިކޮށް މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ހއ.އިހަވަންދޫ އަންބަރީގޭ އަބްދުލް މާނިއު ހުސައިންއެވެ.

މާނިއު ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބްގައި ބޭނުންކުރި ވޯޓް ކަރުދާހުގައި ކެނޑިޑޭޓް ނަމްބަރު އެކަކާއި ދިމާލުގައި ފާހަގަ ޖެހުމުން ކެނޑިޑޭޓް ނަމްބަރު ދޭކާއި ދިމާލަށް އެ ފާހަގަ ފޭދޭ ކަމަށާއި ކެނޑިޑޭޓް ނަމްބަރު ދޭކާ ދިމާގައި ފާހަގަ ޖެހުމުން ކެނޑިޑޭޓް ނަމްބަރު އެކަކާއި ދިމާއަށް މައްޗަށް އަރާކަމަށް މުއުތަބަރު ހެކި ލިބިފައިވާ ކަމަށެވެ.

އެމައްސަލަ މާނިއު ހުށަހަޅާފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ދައްކަވާފައިވާ ވާހަކަތަކެއްގެ މައްޗަށެވެ. އެހެންވެ އިންތިހާބުގެ ދާއިުމީ ނަތީޖާގައި އިބްރާހިމް މުހައްމަދު ސޯލިހުއަށް ލިބިވަޑައިގަތް ވޯޓަކީ ރައީސް ޔާމީނަށް ލިބިވަޑައިގަތް ވޯޓުކަމަށް ކަނޑައަޅައި ދިނުމަށެވެ.

ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފައެވެ. އެ މައްސަލައަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކި ބަލައި ނުގަތުމަށް އެ ކޯޓުން ވަނީ މިއަދު ނިންމާފައެވެ.