އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް، ފައިސަލް ނަސީމް، ޒުވާން ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައިފި އެވެ.
ރޭ ބޭއްވި މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ އިބޫގެ ކެމްޕެއިން އޮފީހުގައެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ވިޔަފާރިވެރިންގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބޭފުޅުންގެ ތެރޭގައި ވިލާ ކުންފުނީގެ ވެރިޔާ އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރ، ޤާސިމް އިބްރާހިމްގެ ދައިކަލުން އަދި ވިލާގެ ޑިރެކްޓަރު އިބްރާހިމް ސިޔާދު ޤާސިމް އާއި ނަލަހިޔާ ކުންފުނީގެ ވެރިޔާގެ ދަރިކަލުންގެ އިތުރުން ރެއިންބޯ އަދި ދަމާސް ކުންފުނީގެ އިސް މަޤާމްތައް ފުރުއްވަމުން ގެންދަވާ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މި ބައްދަލުވުމާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބުކުރެއްވީ ރެކޯޑް އަދަދަކަށް ވޯޓު ހޯއްދަވައިގެންނެވެ. އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތް ރައީސް އަބްދުﷲ ޔާމީން ވަނީ ވޯޓު އޮޅުވާލި ކަމަށްބުނެ އިންތިޚާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ.