ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފުލުހުންގެ އިދާރާއިން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޕޮލިސް ކޮންސްޓަބަލްގެ މަޤާމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ފުލުހުންގެ ޕޮލިސް ކޮންސްޓަބަލް އަކަށް މުސާރައިގެ ގޮތުގައި މަހަކު 4،650 ރުފިޔާ ދިނުމަށް ވަނީ ނިންމާފައިވާއިރު، މިމަޤާމަށް ރެކްރޫޓް ކުރެވޭ ތާރީޚުން ފެށިގެން ތިން މަސް ދުވަސް ވުމުން ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 5000 ރުފިޔާ އާއި ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ 40 އިންސައްތަ އަދި ފުލުހުންގެ ވަޒީފާއާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް ލިބޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.
މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުން ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 16:00 އާއި ހަމައަށް ކަމާ ގުޅޭ ލިޔުންތަކާ އެކު ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން މިވަޒީފާއަށް މީހުން ހޯދުމުގައި ޖީސީއީ އޭ-ލެވަލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށާއި ފުލުހުންގެ އިދާރާއަށް ބޭނުންތެރި ދާއިރާތަކުން ކޯސް ފުރިހަމަކޮށްފައިވާ، ސްޕެޝިއަލް ކޮންސްޓެބުލަރީގެ ވަޒީފާގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މި ސަރވިސްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް އުމުރުން 25 އަހަރު ފުރި 27 ފުރިފައި ނުވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.