Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ދިވެހި ބަހުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު އެމްއެންޔޫ އިން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ މާލޭ ބްރާންޗް - ފޮޓޯ: އެމްއެންޔޫ

ދިވެހި ބަހުން ޑޮކްޓަރ އޮފް ފިލޮސިފީ (ޕީއެޗްޑީ) ހެދުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހުޅުވާލައިފި އެވެ.

އެމްއެންޔޫ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޕީއެޗްޑީ އިން އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް) ކޯހަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 އޮކްޓޫބަރު 2018 ވާ ބުދަ ދުވަހުގެ 13:00 ކަމަށެވެ. އަދި ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ވެބްސައިޓް http://www.mnu.edu.mv އިން ލިބެނޭ ކަމަށްވެސް އެ ޔުނިވާސިޓީ އިން ބުނެއެވެ.

އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް) ގެ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކުރުމަށް އިހްތިޔާރުކުރެވޭނެ ކަންތައްތައް:

– މާދަރީ ބަސް އަށަގަތުމާއި ކުއްޖާގެ ކިބައިގައި ތަރައްޤީވާގޮތް
– ދެވަނަބަހެއް ދަސްކުރުމާއި ތަރައްޤީވުން
– ދެބަސް ނުވަތަ ގިނަ ބަސް ބޭނުންކުރާ މުޖުތަމަޢެއްގައި ބަސްބޭނުންކުރާގޮތް
– ބަހުގެ ސިޔާސަތުތައް ކަނޑައަޅައި ރާވައި ހިންގުން
– ބަހުގެ ފެންވަރުބެލުން
– ދިވެހިބަހުގެ ސްޓްރަކްޗާ
– ލިޔުންތެރިކަމާއި ވާހަކަދެއްކުމާއި މަލްޓިމޯޑަލް ޓެކްސްޓްސް އެނަލައިޒްކުރުން

ކޯހުގެ ޖާގަ ކަނޑައަޅާނީ ކުރިމަތިލާ ކެނޑިޑޭޓުން ހުށައަޅާ ޕްރޮޕޯޒަލްތަކަށް ބެލުމަށްފަހު، ސުޕަވައިޒަރުންނާ ހަޔަރ
ޑިގްރީސް ކޮމެޓީއިން ނިންމާ ގޮތެއްގެ މަތީން ކަމަށްވެސް އެމްއެންޔޫ އިން ބުނެއެވެ.

މީގެ އިތުރުން އެކޯހަށް އެދި ހުށަހަޅާ ފަރާތްތަކަކީ އެޕްލައިޑް ލިންގުއިސްޓިކްސް ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމްކިއުއޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. ނުވަތަ އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން އެމްކިއުއޭ ޤަބޫލުކުރާ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށް އެންމެ މަތީ ދަރަޖައިގައި ފާސްވެފައިވުން ދިރާސީ މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ.

އަދި ޑިގްރީ ނުވަތަ މާސްޓަރސް ހާސިލު ކުރުމުގެ ތެރޭގައި 1 އަހަރު ދުވަހުގެ ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށްށާއި ދިވެހިބަހުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތް ކޯހަށް ހޮވުމުގައި އިސްކަން ދެވޭނެކަމަށް އެމްއެންޔޫ އިން ބުނެއެވެ.

އެ ކޯހަކީ ތިން އަހަރު ދުވަހުގެ ކޯހެއް ކަމަށްވެސް އެމްއެންޔޫ އިން ބުނެއެވެ.