Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތައް އޭސީސީ އިން ބަލަނީ

ހުޅުމާލޭގައި ހުންނަ އެޗްޑީސީ އިމާރާތް - ފޮޓޯ: ޝާން (ފްލިކްއާރް)

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އޭސީސީގެ މީޑިއާ އޮފުޝަލް ހަސަން މުހައްމަދު އާއި ހަވާލާދީ "ރާއްޖެއެމްވީ" އިން ރިޕޯޓްކުރާ ގޮތުގައި އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން ފަށައިގެން ކުރިއަށްދާ ކަމަށާއި އެ މައްސަލަތަކުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ވިއްކާ 400 ގޯތި ވިއްކުމާއި ދެކޮޅަށް އެޗްޑީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށްފައިވާ ޕެޓިޝަންގައި ހިމެނޭ ބައެއް ކަންކަން ވެސް ހިމެނޭ ކަމަށެވެ.

އެޗްޑީސީގެ އިސް ބައެއް މުވައްޒަފުންނާއި އެކު 160 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ޕެޓިޝަނުގައި ސޮއިކޮށްފައެވެ. ގޯތި ވިއްކުމާއި ދެކޮޅުހަދައި މުވައްޒަފުން ހެދި ޕެޓިޝަނުގައި 19 ކަމެއް ފާހަގަކޮށްފައިވެއެވެ.

އެގޮތުން މުވައްޒަފުން ވަނީ ގޯތި ވިއްކާއަގު ކުޑަވުމުގެ ސަބަބުން ކުންފުންޏަށް މާލީ ބޮޑު ގެއްލުންތަކާއި ކުރިމަތިލާން ޖެހޭނެކަމަށް ބުނެފައެވެ.

އޭސީސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކުގައި ކެމްޕެއިންގ ހަރަކާތްތަކެއްގައި ހޮޅިދަނޑިތަކެއް އެޗްޑީސީގެ ހަރަދުގައި ގަނެފައިވާ މައްސަލަ ވެސް ހިމެނެއެވެ.

މި މައްސަލަތައް އޭސީސީ އިން ބަލަން ފަށާފައިވީ ނަމަވެސް، މިކަން ކަމަށް ޚަރަދު ހިނގާފައި ވަނީ ކިހާ މިންވަރަކަށް ކަމެއް އަދި ނޭނގޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.