Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

ޔޫއެފާ ނޭޝަންސް ލީގު: ފްރާންސް އަތުން ބަލިވެ ޖަރުމަން ރެލިގޭޝަނާއި ގާތަށް

ޖަރުމަނާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޔޫއެފާ

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ފްރާންސް އަތުން ޖަރުމަން ބަލިވެ ރެލިގޭޝަނާއި ގާތަށް ޖެހިލައިފިއެވެ. މިމެޗުން ފްރާންސް މޮޅުވީ 2-1 އިންނެވެ.

މިގުރޫޕުގައި ހިމެނޭ ފްރާންސް އަދި ޖަރުމަނުން މިހާތަނަށް ތިން މެޗު ކުޅުނުއިރު ހަތް ޕޮއިންޓާއެކު ތާވަލްގެ އެންމެ ކުރީގައި އުޅެނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އެވެ. ދެވަނައިގައި އޮތީ ދެ މެޗު ކުޅެގެން ތިން ޕޮއިންޓާއެކު ނެދަލޭންޑްސް އެވެ. އެންމެ ފުލުގައި އުޅޭ ޖަރުމަނަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ޖަރުމަނުން މިމެޗަށް ނިކުތްއިރު އެޓީމު އެންމެ ފަހުން ނެދަލޭންޑްސް އަތުން ބަލިވި މެޗުގައި ކުޅުނު ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން، އެމެޗުގައި ކުޅުނު ޖޯނަސް ހެކްޓާ އާއި އެމްރޭ ޗޭން އަދި ތޯމަސް މުލާގެ އިތުރުން ޖެރޯމް ބޯޓެން އަދި މާކް އުތުގެ ބަދަލުގައި ތީލޯ ކެރާ އާއި ނިކޯ ޝުލްޒް އަދި ނިކްލަސް ސޫލޭ އާއި ސާޖް ނެބްރީގެ އިތުރުން ލެރޯއީ ސާނޭ އަށް މިމެޗުގެ ފުރަތަމަ އެގާރައިން ފުރުޞަތު ދީފައިވެއެވެ.

ސްޓެޑް ޑެ ފްރާންސްގައި ރޭ ކުޅުނު މިމެޗު ފެށިގެން މޮޅަށް ކުޅެމުންދިޔައީ ޖަރުމަނުންނެވެ. އެގޮތުން، އެޓީމުން ދިޔައީ ކައުންޓާ އެޓޭކްގައި ފްރާންސްގެ ޑިފެންސްލައިނަށް އުނދަގޫތައް ކުރިމަތިކުރަމުންނެވެ. އޭގެނަތީޖާއެއްގެ ގޮތުން، މިމެޗުގައި ކުރީން ލީޑް ނެގީ ވެސް ޖަރުމަނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ޓޯނީ ކްރޫޒް އެވެ. މިއީ މެޗުގެ 14 ވަނަ މިނެޓުގައި ފްރާންސްގެ ޕައުލް ޕޮގްބާ އަށް ހެދުނު ގޯހަކުން ޖަރުމަނުގެ ކުޅުންތެރިންނަށް ލިބުނު ބޯޅަ އެޓީމުގެ ސާނޭ އަށް ދިނުމުން އޭނާ ނަގައިދިން ހުރަސް، ޕެނަލްޓީއޭރިޔާތެރެއިން ފްރާންސްގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ދެ މިނެޓުފަހުން، ޖަރުމަނުން ކުރި ކައުންޓާއެޓޭކެއްގައި އެޓީމުގެ ސާނޭ އަށް ރަނގަޅު ހަމަލާއެއް އުފެއްދުމުގެ ފުރުޞަތު ލިބުނު ނަމަވެސް ޓިމޯ ވާނާ އަށް އޭނާ ޖައްސާލި ބޯޅަ ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ކުރިއަށް ނިކުމެ ވަނީ ދިފާއުކޮށްފައެވެ.

އޭގެފަހުން، މެޗުގެ 24 ވަނަ މިނެޓުގައި ޖަރުމަނުގެ މެޓްސް ހުމެލްސް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު ޕެނަލްޓީއޭރިޔާތެރެއިން އެޓީމުގެ މަތިއަސް ގިންޓާ ފޮނުވާލި ނުރައްކާތެރި ހަމަލާ ފްރާންސްގެ ކީޕަރު ލޮރިސް ވަނީ މަތަކޮށްފައެވެ.

މިހާފުގައި ފްރާންސްގެ ގްރީޒްމަން ތަނަވަސްކުރި ފުރުޞަތަކުން ކިލިއަން އެމްބާޕޭ އަށް ލިބުނު ބޯޅަ އޭނާގެ ފަޔަށް އަރާގޮތްނުވިއިރު އޮލިވިއޭ ޖިރޫ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލަށްވުރެ މާ މަތިން ބޭރަށެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ޖަރުމަން ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 7 ވަރަކަށް މިނެޓުގެތެރޭގައި ފްރާންސްގެ އެމްބާޕޭ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ ވަނީ ސަލާމަތްކޮށްފައެވެ.

މިމެޗުގައި ފްރާންސަށް އެއްވަރުކޮށްދިނީ 62 ވަނަ މިނެޓުގައި ގްރީޒްމަން އެވެ. މިއީ އެޓީމުގެ ލޫކަސް ހެނާންޑޭޒް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ވަރަށް ރީއްޗަށް ބޮލުން ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ފަސްމިނެޓުފަހުން، ޖަރުމަނުގެ ނެބްރީ އަށް ޖަރުމަނަށް އަލުން ލީޑް ނަގައިދިނުމަށް ލިބުނު ފުރުޞަތުގައި ޕެނަލްޓީއޭރިޔާބޭރުން އޭނާ ފޮނުވާލި ބޯޅަ ފްރާންސްގެ ކީޕަރު ލޮރިސް މަތަކޮށްފައިވެއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނެޓަށްވެފައިވަނިކޮށް ފްރާންސް މޮޅުކޮށްދިން ލަނޑުޖަހައިދިނީވެސް ގްރީޒްމަން އެވެ. މިއީ އެޓީމުގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ އަށް ޖަރުމަނުގެ ހުމެލްސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ގްރީޒްމަން ކާމިޔާބުކުރި ގޯލެކެވެ. މިއީ ފްރާންސްގެ ޤައުމީޓީމަށް އޭނާ ކުޅެދިން 65 މެޗުގައި ކާމިޔާބުކުރި 26 ވަނަ ގޯލެވެ.

މިމުބާރާތުގައި ރޭ ކުޅުނު މެޗުތަކަށްފަހު، ލީގު ބީ އިން އޭ އަށް ޔޫކްރެއިން ޕްރޮމޯޓުވިއިރު ޖޯޖިއާ ވަނީ ލީގު ޑީ އިން ސީ އަށް ޕްރޮމޯޓުވެފައެވެ. ޗެކްރިޕަބްލިކް އަތުން 1-0 އިން ޔޫކްރެއިން މޮޅުވިއިރު ޖޯޖިއާ ވަނީ 3-0 އިން ލެޓްވިއާ ބަލިކޮށްފަައެވެ. ބަލްގޭރިއާ އަތުން 1-0 އިން މޮޅުވެ ނޯވޭ އިން ޕްރޮމޯޓުވުމާއި ގާތަށް ޖެހިލިއިރު ވޭލްސް ވަނީ ހަމަ މިނަތީޖާއިން ރިޕަބްލިކް އޮފް އަޔާލެންޑް ބަލިކޮށްފައެވެ. ސައިޕްރަސް އާ ސްލޮވީނިއާ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު ލީޗްޓެންސްޓެއިން ވަނީ 2-1 އިން ޖިބްރާލްޓާ އަތުން މޮޅުވެފައެވެ. މެސެޑޯނިއާ އަތުން 4-0 އިން އާމީނިއާ މޮޅުވިއިރު ކަޒަކިސްތާން އަތުން އެންޑޯރާ ބަލިވީ ވެސް ހަމަ މިނަތީޖާއިންނެވެ.