Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޖަމާލް ހަޝޮގީއަށް ވީގޮތް ނޭނގޭ ކަމަށް ބިން ސަލްމާން ވިދާޅުވި: ޓްރަމްޕް

Getty

ތުރުކީގައި ހުރި ސައުދީ ކޮންސިއުލޭޓަށް ވަނުމަށްފަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ، ޖަމާލް ހަޝޯގީއަށް އަށް ވީގޮތެއް އެނގިލައްވާފައިނުވާ ކަމަށް ސައުދީގެ ވަލިއުލްއަމްރު، މުހައްމަދު ބިން ސަލްމާން ވިދާޅުވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކޮށްފިއެވެ.

އެމެރިކާގެ ސެކްރެޓެރީ އޮފް ސްޓޭޓް، މައިކް ޕޮމްޕިއޯ ސައުދީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބިން ސަލްމާނާއި ބައްދަލުކުރައްވައި ރައީސް ޓްރަމްޕްގެ އެދިވަޑައިގަތުމުގެ މަތިން ފޯނުން ގުޅުއްވައި ވާހަކަ ދެއްކިއެވެ.

ޓްރަމްޕް ވިދާޅުވީ ބިން ސަލްމާނާއި ދެއްކެވި ވާހަކަފުޅުގައި ނޫސްވެރިޔާ ހަޝޮގީއަށް ވީގޮތެއް ސައުދީ ސަރުކާރަށް އެނގިފައިނުވާ ކަމަށް ވިދާޅުވި ކަމަށާއި އޭނާ މަރާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރެއްވި ކަމަށެވެ.

މިދަތުރުގައި ސެކްރެޓެރީ ޕޮމްޕިއޯ ވަނީ ސައުދީގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒާއި ބައްދަލުކުރައްވައި، ނޫސްވެރިޔާ ގެއްލުމާ ގުޅޭގޮތުން އެމެރިކާއިން ފާޅުކުރާ ކަންބޮޑުވުންތައް ދަންނަވާފައެވެ. ޕޮމްޕިއޯ ވިދާޅުވީ އެމައްސަލަ ތަހުގީގު ކުރަން ސައުދީން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ރަސްގެފާނު އަރުވާފައިވާ ކަމަށެވެ.

ތުރުކީ ގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް އެންމެ ފަހުން މިމަހުގެ ދެވަނަ ދުވަހު ވަން ހަޝޮގީ އެދުވަހު ވަން ގޮތަށް އެ އެމްބަސީއިން ނިކުމެފައެއް ނުވެއެވެ. ހަޝޮގީ ގެއްލިފައިވާ ކަން އެންމެ ފުރަތަމަ އިއުލާން ކުރީ ކޮންސިއުލޭޓަށް އޭނާ ދިޔަ، އޭނާގެ ލޯބިވެރިޔާއެވެ.

ބޭރުގައި މަޑުކޮށްގެން ހުރި ހަޝޯގީގެ ލޯބިވެރިޔާ ބުނެފައިވަނީ އެތަނުން އެތައް އިރެއް ވީއިރުވެސް ހަޝޯގީ ނިކުމެފައި ނުވާ ކަމަށެވެ. ނަމަވެސް ސައުދީ އިން ބުނެފައިވަނީ ހަޝޯގީ ވަނީ އިރުކޮޅެއް ފަހުން ކައުންސިލް ދޫކޮށް ގޮސްފައި ކަމަށެވެ.

ސައުދީ ކޮންސިއުލޭޓަށް ހަޝޯގީ ވަނުމުން އެތަނުން ރަހީނުކޮށްގެން ހެލިކޮޕްޓަރެއްގައި އޭނާ ސައުދީއަށް ގެންގޮސް މަރާލާފައިވާ ކަމަށް ބައެއް މީހުން ދަނީ ތުހުމަތުކުރަމުންނެވެ.