Last Updated: April 19, 18:16
Friday, April 19, 2024
ކުޅިވަރު

ފަހު ވަގުތު އާޖެންޓީނާ އަތުން ބްރެޒިލް މޮޅުވިއިރު ނެދަލޭންޑްސް އާ ބެލްޖިއަމް އެއްވަރު

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ އަށް ތައްޔާރުވުމުގެ ގޮތުން އެކުވެރިކަމުގެ މެޗެއްގައި ރޭ ސައުދީ އަރަބިއާގައި އާޖެންޓީނާ އާ ދެކޮޅަށް ފަހުވަގުތުގައި ބްރެޒިލުން ކާމިޔާބުކުރި ލަނޑުން މޮޅުވިއިރު ނެދަލޭންޑްސް އާ ބެލްޖިއަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

އާޖެންޓީނާ އަކީ 2016 ވަނަ އަހަރު ބްރެޒިލްގެ ކޯޗު ކަމާއި ޓީޓޭ ހަވާލުވިފަހުން އެޓީމު އަތުން މޮޅުވި ދެޓީމުކުރެން އެއްޓީމެވެ. ލިއޮނަލް މެސީ ނެތި އާޖެންޓީނާ ކުޅުނު މިމެޗުގައި ބްރެޒިލްގެ ގޯލަށް އަމާޒުކޮށް އެޓީމަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއްނުވެއެވެ.

ކިންގ އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެންގޮސްފައިވެއެވެ. މެޗުގެ 28 ވަނަ މިނެޓުގައި ބްރެޒިލަށް ލީޑް ނަގައިދިނުމަށް ކަސެމީރޯ ތަނަވަސްކުރި ފުރުޞަތަކުން މިރަންޑާ އަށް ލިބުނު ބޯޅަ ގޯލްގެ ރޮނގުމަތީން ސަލާމަތްކުރީ ނިކޮލަސް އޮޓަމެންޑީ އެވެ.

އޭގެފަހުން، އާޖެންޓީނާ އަށް ލިބުނު ހިލޭޖެހުމަކުން ޕައޮލޯ ޑިބާލާ ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު ދެވަނަ ހާފު ފެށިގެން ލެއަންޑްރޯ ޕަރެޑޭސް ދުރުން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

މެޗުގެ 70 ވަނަ މިނެޓުގައި އާތުރް އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ އާޖެންޓީނާގެ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ މަތަކުރިއިރު މެޗު ނިމެން ހަތް މިނެޓަށްފެވައިވަނިކޮށް ކަސެމީރޯ ފޮނުވާލި ހިލޭޖެހުން އާޖެންޓީނާގެ ކުޅުންތެރިއެއްގެ ގައިގަ ޖެހިފައި ދިޔައީ ބޭރަށެވެ.

މިމެޗުގައި ބްރެޒިލުން ކާމިޔާބުކުރި ހަމައެކަނި ގޯލް، މެޗުގެ އިތުރުވަގުތުގައި ނޭމާ ނަގައިިދިން ކޯނަރަކުން ޖަހައިދިނީ މިރަންޑާ އެވެ.

ރޭ ކުޅުނު އެކުވެރިކަމުގެ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި ނެދަލެންޑްސް އާ ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިމެޗުގެ 5 ވަނަ މިނެޓުގައި ޑްރީސް މާޓެންސް ލީޑް ނަގައިދިންއިރު ހޮލެންޑަށް އެއްވަރުކޮށްދިނީ 27 ވަނަ މިނެޓުގައި އާނައު ގްރޮއެންވެލްޑް އެވެ.