Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޒައިނަބުގެ ގާތިލަށް މަރުގެ އަދަބު ދީފި

ޕާކިސްތާނުގެ ލާހޫރަށް ނިސްބަތްވާ ހަ އަހަރުގެ ޒައިނަބް ރޭޕްކުރުމަށް ފަހު އަނިޔާވެރިގޮތަކަށް މަރާލި މުޖުރިމު، އިމްރާން އަލީ ދަންޖައްސާ މަރާލައިފިއެވެ.

އޭނާ ދަންޖައްސާ މަރާލިކަން ޕާކިސްތާނު ފުލުހުން ކަށަވަރުކޮށްދީފައިވާއިރު އިމްރާން އަލީއަށް މަރުގެ އަދަބު ދިނީ ޒައިނަބްގެ ބައްޕަ އަދި އާއިލާގެ ބައެއް މީހުންގެ ހާޒިރުގައެވެ.

ދަރިފުޅަށް ލާއިންސާނީ އަމަލުކޮށް މަރާލި ގާތިލަށް ހައްގު އަދަބު ދޭން ބައްޕަ ބޭނުންވީ އެންމެންގެ ކުރިމަތީގައެވެ. ނަމަވެސް ޕާކިސްތާނުގެ ހައިކޯޓުން ވަނީ ޒައިނަބްގެ ބައްޕަގެ ފަރާތުން ހުށައެޅި ހުށައެޅުން ބާތިލުކޮށްފައެވެ.

ޒައިނަބް މަރާލި ކަމަށް ކޯޓުގައި އިމްރާން އަލީ ވަނީ އިއުތިރާފު ވެފައެވެ. އަދި އޭނާގެ މައްސަލާގައި ގާނޫނީ ލަފައެއް ބޭނުންނުވާ ކަމަށާއި އަދަބު ލިބެން ތައްޔާރަށް ހުރި ކަމަށެވެ. އަދި އޭނާ ވަނީ ކޮންމެ އަދަބެއް ދޭން ހުކުމް ކުރިޔަސް، އެ ވާނީ ކުޑަ އަދަބަކަށް ކަމަށް ބުނެފައެވެ.