Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

އިންތިޚާބު ބާތިލުކުރިޔަސް މާބޮޑު އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ: މުއިއްޒު

ހައުސިން މިނިސްޓަރ މުއިއްޒު ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވަނީ: ފޮޓޯ - ރައީސް އޮފީސް

ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކުރިޔަސް، އޭގެ ސަބަބުން މާބޮޑު ގެއްލުމެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވީ، ރައްޔިތުންގެ ނިންމުން ބަދަލުނުކުރުމަށް އެމެރިކާއިން ރާއްޖެއަށް އިިންޒާރުދީފައިވަނިކޮށެވެ. އެމެރިކާއިން ވަނީ ރައީސް ޔާމީންގެ ފަރާތުން އިންތިޚާބު ބާތިލުކުރަން ހުށައެޅުމުން، އިންތިޚާބުގައި މައްސަލައެއް ދިމާވެފައިނުވާ ކަމަށް ކަމާ ބެހޭ ހުރިހާ އިދާރާއަކުން ކަށަވަރުކޮށްދީފައިވާއިރު އިންތިޚާބު ބާތިލުކުރުމަކީ ޑިމޮކްރަސީގެ އަސާސް ނައްތާލުން ކަމަށް ސިފަކޮށް އެކަން ނުކުރުމަށް ގޮވާލާފައެވެ.

އަދި ޑިމޮކްރަސީގެ އަސާސްތަކާ ޚިލާފަށް ކުރާ އެއްވެސް ކަމެއް އެމެރިކާ އިން ބަލައިނުގަންނާނެ ކަމަށާއި އެކަން އެގޮތަށް ކޮށްފިނަމަ ރާއްޖެއަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

އަދި އެގޮތަށް އިދިކޮޅު ފަރާތްތަކުން ވެސް ވާހަކަ ދައްކަމުން ގެންދާތީ، ރޭ މުއިއްޒު ވަނީ އެބޭފުޅުންނަށް ރައްދު ދެއްވައި، ބޭރުގެ އަސަރެއް ރާއްޖެއަށް އޭގެ ސަބަބުން ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ފަރާތުން އިންތިޚާބު ބާތިލުކޮށްދިނުމަށް ހުށައަޅާފައިވާއިރު އިއްޔެ ވަނީ އިންތިޚާބުން ކާމިޔާބުވި އިބޫއަށް ލިބުނު ވޯޓު ރައީސް ޔާމީނަށް ދީ، ޔާމީނަށް ލިބުނު ވޯޓު އިބޫއަށް ދިނުމަށް ހައިކޯޓަށް މައްސަލައެއް ވެސް ހުށައަޅާފައެވެ.