Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

މިނިސްޓަރ ޝައިނީ އާއިލާއާ އެކު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ އިސްކޮށް އުޅުއްވި މިނިސްޓަރ މުހައްމަދު ޝައިނީ، އޭނާގެ އާއިލާއާ އެކު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ ޝައިނީ، އޭނާގެ އަނބިކަނބަލުންނާއި ދެ ކުދިންނާއެކު ވަޑައިގެންނެވީ ކޮލަމްބޯ އަށެވެ. ޑރ. ޝައިނީ ފުރީ އަންގާރަ ދުވަހުގެ ހަވީރު 16:20ގައި، EK652 ފްލައިޓުން ކަމަށް މައުލޫމާތު ލިބެއެވެ.

މިނިސްޓަރު ޝައިނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތީ ވަރަށް އަވަހަށް ސަރުކާރުގެ އިސް ފަރާތްތައް ރާއްޖެ ދޫކޮށް ވަޑައިގަންނަވާނެ ކަމުގެ އަޑުތަކެއް ދަނީ ސޯޝަލް މީޑިއާގައި ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. ސަރުކާރުގެ އިސްވެރިން ފައިސާ ރައްކާކުރުމުގެ ގޮތުން ރާއްޖޭގައި ހުރި ފައިސާތައް ރާއްޖެއިން ބޭރަށް ގެންދަމުންދާކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ. އެކަން ތަހުގީގުކޮށްދިނުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ފޮލިހަށް ވެސް ހުށަހަޅުއްވާފައި ވެއެވެ.

ޑރ. ޝައިނީ އަކީ ބޭރު ދުނިޔޭގައި ސަރުކާރު ޕްރޮމޯޓް ކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ވަޒީރެވެ. އަދި ހާއްސަކޮށް، ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކަށް ސަރުކާރުން އެކިއެކި ކަންކަމުގައި ޖަވާބުދާރީ ވުމުގައި ޝައިނީ އަދާ ކުރައްވާފައިވާ ދައުރު ފާހަގަ ކޮށްލެވެއެވެ.