Last Updated: May 20, 08:33
Monday, May 20, 2024
ޚަބަރު

ޤައުމު ދޫކޮށް ފިއްލަވަން ޖެހޭ ސަބަބެއް ނެތް: ޝައިނީ

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ. ފޮޓޯ: ފޭސްބުކް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި އުފާކުރައްވާ ކަމަށާއި ޤައުމު ދޫކޮށް ފިއްލަވަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޝައިނީ މިހެން ވިދާޅުވި އިރު އެބޭފުޅާ ވަނީ އިއްޔެގެ ވަގުތެއްގައި އާއިލާއާ އެކު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ. އަދި ފިޝަރީޒް މިނިސްޓްރީގައި މީގެ 2 ދުވަސްކުރިން ޝައިނީގެ "ފެއާވެލް" ވެސް ވަނީ ބާއްވާފައެވެ.

އެހެން ނަމަވެސް މިއަދު ކުރެއްވި ޓްވީޓެއްގައި ޝައިނީ މިވަނީ ރާއްޖެެ ދޫކޮށް ފިއްލަވައިގެން އެހެން ގައުމަކަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވުނު ޚިދުމަތްތަކާއި މެދު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަން ޝައިނީ ވަނީ ހާމަކުރައްވާފައެވެ.

އަދި ކުރިއަށް އޮތްތަނުގައި ވެސް ދިވެހި ޤައުމަށް ޚިދުމަތްކުރެއްވުމަށް ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގެ ބޭނުން ހިއްޕަވާނެ ކަމަށް ވެސް ޝައނީ ވަނީ ވިދާޅުވެފައެވެ.