Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ސައުދީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނަޝީދު ޔޫކޭ އަށް ވަޑައިގެންފި

ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ސައުދި އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލް-ސައުދުގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިނގިރޭސިވިލާތަށް ވަޑައިގެންފި އެވެ.

ސައުދީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު އިނގިރޭސިވިލާތަށް އެނބުރި ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ރައީސް ނަޝީދު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ނަޝީދު ސައުދީ އަށް ވަޑައިގެންނެވިއިރު، ފ. އަތޮޅު ސައުދީއަށް ވިއްކާލަން ރައީސް ޔާމީންގެ ސަރުކާރުން ކުރެއްވި މަސައްކަަތްތައް ހުއްޓުވުމުގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއް ބޭފުޅަކީ ނަޝީދެވެ. އަދި ކުއްލި ގޮތަކަށް ނަޝީދު ސައުދީއަށް ވަޑައިގަތުމަށް ދައުވަތު ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.

ސައުދީއަށް ރައީސް ނަޝީދު ވަޑައިގެންނެވިއިރު، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ސައުދީން ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި ރަސްގެފާނުގެ ހާއްސަ މަންދޫބަކު ވަނީ އިންތިހާބީ ރައީސް އިބޫ އާއި ބައްދަލު ކުރައްވާފައެވެ.