Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ރައީސް ޔާމީން އާއި ގުޅޭ އެއްވެސް ވާހަކައެއް ސައުދީން ނުދައްކާ: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި ގުޅޭ އެއްވެސް ވާހަކައެއް ސައުދި އަރަބިއާއިން ނުދައްކަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވަނީ ސައުދި އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލް-ސައުދުގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނާއި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއި ބައްދަލުވެ ދެކެވުނު ވާހަކަތަކުގެ ތެރޭގައި ރާއްޖޭއާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ ތެރޭގައި ސައުދީން ބޭނުންވަނީ އަބަދުވެސް އެ އިރެއްގައި އޮންނަ ސަރުކާރަކާ ގުޅުންބާއްވަން ކަމަށް ބުނެފައިވާ ކަމަށެވެ.

"ރައީސް ޔާމީން އާއި ގުޅޭ އެއްވެސް ވާހަކައެއް ވިދާޅެއް ނުވޭ"، ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އެމަނިކުފާނު ސައުދީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަންނަވާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.