Last Updated: April 23, 19:51
Tuesday, April 23, 2024
ޚަބަރު

ޤައުމް ދޫކުރައްވައި ފުރާވަޑައިގަންނަވަން ތިއުޅުއްވަނީ ކީއްވެތޯ؟: ޑރ. ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ނިއު އިންޑިއަން އެކްސްޕްރެސް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޤައުމު ދޫކުރައްވައި ފުރާވަޑައިގަންނަވަން އުޅުއްވަނީ ކީއްވެތޯ، މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ސުވާލުކުރައްވައިފި އެވެ.

ޑރ. ޖަމީލް މިފަދައިން ސުވާލުކުރައްވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައި ވަނީ ރާއްޖޭގެ ތާރީޚުގައި ވެސް ނުދެކޭ ވަރުގެ ކޮރަޕްޝަނާއި މުޅި ޤައުމުގެ ގިނަ ބަޔަކަށް އަނިޔާވެރިވެ، ދައުލަތް ބަނގުރޫޓުކޮށް، މަޖިލީހާއި ކޯޓުތަކަށް އަރައިގަނެ ބޮޑެތި ޖަރީމާތައް ހިންގެވުމަށްފަހު، ޤައުމު ދޫކުރައްވައި ފުރާވަޑައިގަންނަވަން އުޅުއްވަނީ ކީއްވެތޯ އެވެ.

"ގަޓްކޮށް މިނިވަން ތަޙުޤީޤަކަށް ކުރިމަތިލައްވާ ރައީސް ޔާމީން. حسبن الله ونعم الوكيل"، ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީން ޤައުމުން ފިއްލަވަން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން ދާއިރު، އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ، މެޑަމް ފާތިމަތު އިބްރާހިމް ވަނީ މިމަހު ކުރީ ކޮޅު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފަ އެވެ. އޭގެ ފަހުން އެކަމަނާ ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.