Last Updated: April 23, 13:19
Tuesday, April 23, 2024
ޚަބަރު

ރައީސް ޔާމީން އަކީ ޤައުމު ދޫކުރައްވައި ފިއްލަވާނެ ބޭފުޅެއް ނޫން: އަދުރޭ

ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ - ފޮޓޯ: ސަން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަކީ ޤައުމު ދޫކުރައްވައި ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވެފައި ވަނީ މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އަދުރޭ ވިދާޅުވެފައި ވަނީ ރައީސް ޔާމީން އަކީ ޤައުމު ދޫކުރައްވައި ފިއްލަވާނެ ބޭފުޅެއް ނޫން ކަަމަށާއި، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ އުސޫލްތަކުގެ ތެރެއިން ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ކަމަށެވެ.

އަދި ރައީސް ޔާމީން ޤާނޫނީ އިމުން ބޭރަކަށް ވަޑައެއް ނުގަންނަވާނެ ކަމަށާއި، އެމަނިކުފާނު އިސްކުރައްވަނީ ދީނާއި ޤައުމިއްޔަތު ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން އަބަދުވެސް ހުންނަވާނީ ދިވެހި ރައްޔިތުންނާއެކު ކަމަށެވެ.

އަދުރޭ މިހެން ވިދާޅުވެފައިވާއިރު، ރައީސް އަބްދުﷲ ޔާމީން ޤައުމު ދޫކޮށް ފުރާވަޑައިގަންނަވަން އުޅުއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވެސް މިއަދު ވިދާޅުވީ، އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރެއްވުމުގެ ކުރިން ރައީސް ޔާމީން ފުރާވަޑައިގަންނަވާނެ ކަމަށެވެ.

މިފަދަ އަޑުތަކެއް ފެތުރިފައިވާއިރު، ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ، މެޑަމް ފާތިމަތު އިބްރާހިމް ވަނީ މިމަހު ކުރީ ކޮޅު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފަ އެވެ. އޭގެ ފަހުން އެކަމަނާ ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.