އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުންގެ އަބުރަށް ހުތުރުވާގޮތަށް ޗެނަލް 13 އިން ކޮންޓެންޓް ފޮނުވި ކަމަށްބުނެ ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވާން އެ ޗެނަލަށް އަންގައިފި އެވެ.
އެނގިފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ އަބުރަށް ހުތުރުވާ ގޮތަށް ފޮނުވާފައިވާ ކޮންޓެންޓްތަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ހަތް މައްސަލަ އަށް މި މަހުގެ 28ގެ ކުރިން ޖަވާބުދާރީވުމަށް އެ ޗެނަލަށް އަންގާފައި ވަނީ އިއްޔެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ވޯޓު އީސީ އިން އޮޅުވާލާފައިވާ ކަމަށްބުނެ ވެރިކަން ކުރާ ޕީޕީއެމް އިން ދަނީ ފަހަކަށް އައިސް ކޮންމެ ރެއަކު މަދު ބަޔަކާއެކު މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަމުންނެވެ.
އެ މުޒާހަރާތަކުގައި އީސީގެ ރައީސް އަހުމަދު ޝަރީފާއި އީސީގެ މެމްބަރު އަކްރަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަގަށް ގޮވި ކަމަށް ބުނެ މީގެ ކުރިން ވަނީ ބްރޯޑްކޮމް އަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ފުލުހުންނަށް ވެސް އީސީން ވަނީ ހުށަހަޅައިފަ އެވެ.