Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެޗްޑީސީގެ ޚާއްސަ އޮޑިޓެއް ކުރަނީ

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު - ފޮޓޯ: ފޭސްބުކް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކާއި ގުޅިގެން އެތަނުގެ ޚާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައިފި އެވެ.

އޮޑިޓް އޮފީހުގެ މީޑިއާ އޮފިޝަލް އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި އެޗްޑީސީގެ ޚާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު މިއަދު ނިންމަވާފައިވާ ކަމަށާއި، އެކަމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ.

އެޗްޑީސީގެ ޚާއްސަ އޮޑިޓެއް ކުރުމަށް މިއަދު ނިންމާފައިވާއިރު، އެ ކުންފުނިން ހިންގާފައިވާ މުޢާމަލާތްތަކާއި ގުޅޭ ލިޔެކިޔުންތަކެއް ނައްތާލަން އުޅޭކަމުގެ އަޑުތައް މިއަދު ވަނީ ފެތުރިފައެވެ.

އެޗްޑީސީގެ ކޮރަޕްޝަނާއި ގުޅޭ މައްސަލަތަކެއް ތަޙުޤީޤުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ އިއްޔެ ނިންމާފައެވެ.

އެނގިފައިވާ ގޮތުގައި ގޮތުގައި އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީ އިން ވަނީ ބަލަން ފަށާފައެވެ. އެ މައްސަލަތަކުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ވިއްކާ 400 ގޯތި ވިއްކުމާއި ދެކޮޅަށް އެޗްޑީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށްފައިވާ ޕެޓިޝަންގައި ހިމެނޭ ބައެއް ކަންކަން ވެސް ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެޗްޑީސީގެ އިސް ބައެއް މުވައްޒަފުންނާއި އެކު 160 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ޕެޓިޝަނުގައި ސޮއިކޮށްފައެވެ. ގޯތި ވިއްކުމާއި ދެކޮޅުހަދައި މުވައްޒަފުން ހެދި ޕެޓިޝަނުގައި 19 ކަމެއް ފާހަގަކޮށްފައިވެއެވެ.

އެގޮތުން މުވައްޒަފުން ވަނީ ގޯތި ވިއްކާއަގު ކުޑަވުމުގެ ސަބަބުން ކުންފުންޏަށް މާލީ ބޮޑު ގެއްލުންތަކާއި ކުރިމަތިލާން ޖެހޭނެކަމަށް ބުނެފައެވެ.

އޭސީސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކުގައި ކެމްޕެއިންގ ހަރަކާތްތަކެއްގައި ހޮޅިދަނޑިތަކެއް އެޗްޑީސީގެ ޚަރަދުގައި ގަނެފައިވާ މައްސަލަ ވެސް ހިމެނެއެވެ.

މި މައްސަލަތައް އޭސީސީ އިން ބަލަން ފަށާފައިވީ ނަމަވެސް، މިކަން ކަމަށް ޚަރަދު ހިނގާފައި ވަނީ ކިހާ މިންވަރަކަށް ކަމެއް އަދި ނޭނގޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.