Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ފްލެޓްތަކާއި ގުޅޭގޮތުން ފައިސާ ހޯދަން މިނިސްޓްރީ އިން ނުގުޅާނެ: ހައުސިންގ މިނިސްޓްރީ

ހިޔާ މަޝްރޫޢުގެ ފްލެޓްތައް ނިމޭއިރު ހުންނާނެ ގޮތުގެ ތަސްވީރެއް - ފޮޓޯ: އެޗްޑީސީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށްވާ "ހިޔާ" މަޝްރޫޢުގެ ދަށުން ދޫކުރާ ފްލެޓްތަކާ ގުޅޭގޮތުން ފައިސާ ހޯދަން ހައުސިންގ މިނިސްޓްރީ އިން އެއްވެސް ފަރާތަކަށް ގުޅާމުން ނުގެންދާނެ ކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ.

ހައުސިންގ މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ބިނާ ކުރާ ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް ހޮވިފައިވާ ފަރާތްތަކަށް ފައިސާ ހޯދުމަށް އެ މިނިސްޓްރީގެ ނަމުގައި ބައެއް ފަރާތްތަކުން ގުޅަމުންގެންދާ ކަމަށެވެ.

ނަމަވެސް އެގޮތަށް ފްލެޓްތަކަށް ފައިސާ ހޯދުމުގެ ނަމުގައި އެ މިނިސްޓްރީ އިން ނުގުޅާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

"އަދި މި މިނިސްޓްރީގެ ފަރާތުން ރަސްމީ ލިޔުމެއް ފްލެޓް ލިބިފައިވާ ފަރާތަށް ހަވާލުކުރުމާއި ފްލެޓް ލިބުނު ކަމުގެ އެއްބަސްވުމެއްގައި ސޮއި ކުރެވޭ ހިސާބުން ނޫނީ ފައިސާގެ އެއްވެސް މުޢާމަލާތެއް މި މިނިސްޓްރީ އިން އެފަރާތަކާމެދު ނުފަށާނެ ކަމަށާއި، މި މިނިސްޓްރީ އިން ފައިސާ ބަލައިގަތުމުގެ އެއްވެސް މަސައްކަތެއް މިވަގުތު ކުރިއަށް ގެންދިއުމަށް ނިންމާފައި ނުވާނެ ކަމަށް ދަންނަވަމެވެ."، އެ ބަޔާނުގައި ބުނެފައި ވެއެވެ.

ހައުސިންގ މިނިސްޓްރީ އިން ބުނީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަޤްސަދުގައި ބައެއް ފަރާތްތަކުން އެ މިނިސްޓްރީގެ ނަމުގައި އެފަދަ ފޯން ކޯލްތައްކޮށް ރައްޔިތުންނަށް އޮޅުވާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ، ދަށުދަރަޖައިގެ ޢަމަލެއް ކަމަށެވެ.

އެހެންކަމުން، ހުރިހާ ރައްޔިތުންގެ އެފަދަ ފޯން ކޯލް، އެސްއެމްއެސް އަދި އީ-މެއިލް ތަކަށް ސަމާލުވުމަށް ހައުސިންގ މިނިސްޓްރީން ވަނީ އެދިފައެވެ.