Last Updated: April 24, 08:48
Wednesday, April 24, 2024
ޚަބަރު

ދިވެހި ތާރީޚް ދުށް އެންމެ ޚިދުމަތްތެރި ރައީސަކީ ރައީސް ޔާމީން: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ދިވެހި ތާރީޚު ދުށް އެންމެ ޚިދުމަތްތެރި ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އަދުރޭ ވިދާޅުވެފައި ވަނީ ރައީސް ޔާމީން އަކީ ޤާނޫނު ނަގަހައްޓާ ދެމެހެއްޓުމާއެކު އަމިއްލަވަންތަ ސިފަތަކެއް ހުރި، ޤައުމެއް ބިނާ ކުރެއްވުމަށް އިސްކަން ދެއްވި ބޭފުޅެއްކަން ފާހަގަކުރެވޭ ކަމަށެވެ.

"ޤައުމު ދެމިއޮތްހާ ހިނދަކު އެމަނިކުފާނުގެ ޚިދުމަތަށް ފަނޑުކަމެއް ނާންނާނެ"، އަދުރޭ ވިދާޅުވި އެވެ.

އަދުރޭ މިހެން ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް އިއްޔެ ނިންމާލާފައިވާއިރު، ދެން އޮންނާނީ މައްސަލައިގެ ޙުކުމް އިއްވުމެވެ.

އިންތިޚާބުން 41.6% ގެ މައިނޯރިޓީއަކުން ނާކާމިޔާބުވެވަޑައިގަތް ރައީސް ޔާމީން ވަނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ބަލި ޤަބޫލުކުރައްވައި، 58.4% އާއެކު އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް މަރުޙަބާ ދަންނަވާފައެވެ.

އެހެންނަމަވެސް އޭގެ ފަހުން ރައީސް ޔާމީން އާއެކު ޕީޕީއެމް އިން ގެންދަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ ސިލްސިލާ ގޮތެއްގައި މުޒާހަރާކުރަމުންނެވެ.