Last Updated: May 14, 17:32
Tuesday, May 14, 2024
ޚަބަރު

މަރަދޫން ބަޔަކު ހައްޔަރު ކުރީ ފުލުހުންނަށް ހުރަސް އަޅައިގެން: ޕޮލިސް

ސ. މަރަދޫގައި މިއަދު ފުލުހުން ހިންގި އޮޕަރޭޝަނަކަށް ހުރަސް އެޅި މައްސަލާގައި އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ ފިއެވެ.

ފުލުހުން ބުނީ މަރަދޫގައި ދެ ގުރޫޕަކުން މާރާމާރީ ހިންގަން ތައްޔާރުވެގެން ތިބި ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެ މީހުން ތިބި ސަރަޙައްދަށް ފުލުހުން ގޮސް، އެ މީހުން ހުއްޓުވައި އެމީހުންގެ އަތުގައި މާރާމާރީ ހިންގަން ބޭނުން ކުރާ އެއްވެސް ހަތިޔާރެއް އޮތްތޯ ބަލައި ފާސް ކުރަން ފެށުމުން އެ ސަރަޙައްދުގައި ތިބި ބަޔަކު އެ ތަނަށް ގޮސް ހަމަނުޖެހުން ހިންގައި ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅާފައިވާ ކަމަށެވެ.

މިއަދު މެންދުރު 15:15 ހާއިރު ފުލުހުން އެ ސަރަޙައްދަށް ގޮސް އެ ސަރަޙައްދުގައި ތިބި މީހުން ބަލައި ފާސް ކުރަން ފެށުމުން އެވަގުތު އެ ސަރަޙައްދުގައި ތިބި ބަޔަކު އެކަމާ ހިތްހަމަނުޖެހިގެން ވަނީ ފުލުހުންނާއި ދިމާ އަށް ގާއުކައި ފުލުހުންނަށް އެކި ވަރުގެ އަނިޔާދީ ހަމަނުޖެހުން އުފައްދާފަ އެވެ.

އަދި މި ހަމަނުޖެހުންތަކާއި ގުޅިގެން އަށް މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ޢުމުރުން 19 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ދެ ފިރިހެނުންނާއި 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ދެ ފިރިހެނުންނެވެ.

މިއަދު މަރަދޫގައި ހިނގައި ދިޔަ މި ޙާދިސާ އަށް ފަހު ބަޔަކު މީހުން ވަނީ އައްޑޫ ސިޓީ ލިންކު ރޯޑުން ދަތުރު ނުކުރެވޭނެހެން މަގުތަކަށް އެއްޗެތި އަޅައި ފުލުހުންގ ވެހިކަލްތަކަށް ގާ އުކައި އައްޑޫ ސިޓީގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށްފަ އެވެ.

ނަމަވެސް މަންޒަރު ދުށް ބައެއް ފަރާތަކުން ބުނީ ފުލުހުން މީހުންނަށް އަނިޔާ ކުރީ ވަކި މީހަކަށް ބަލާފައި ނޫން ކަމަށާއި އަންހެނުންނާއި ކުޑަކުދިންނަށް ވެސް އަނިޔާ ކުރި ކަމަށެވެ. އެކަމަކު ފުލުހުން އެކަން ދޮގު ކުރެ އެވެ.