Last Updated: May 20, 09:38
Monday, May 20, 2024
ޚަބަރު

ކެމްޕޭނަށް ބޭނުންކުރި ދަގަނޑު ހޮޅިތައް ހުޅުމާލެއިން ބޭރުކުރަނިކޮށް ހުއްޓުވައިފި

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ކެމްޕެއިނަށް ހުޅުމާލެ ޑެވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ޖަހާފައިވާ ދަގަނޑު ހޮޅިތައް ދޯންނަކަށް އަރުވައިގެން ހުޅުމާލެއިން ބޭރު ކުރަން އުޅެނިކޮށް ފުލުހުން ގޮސް އެކަން ހުއްޓުވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ގޮސް ހޮޅިތައް ބޭރުކުރުމުގެ މަސައްކަތް ހުއްޓުވި އިރު އެޗްޑީސީގެ ދިވެހި މުވައްޒަފުންތަކެއްގެ ބެލުމުގެ ދަށުން ބިދޭސީންތަކެއް ދިޔައީ ދޯންޏަކަށް ދަގަނޑު ހޮޅިތައް ބަރުކުރަމުންނެވެ.

އެޗްޑީސީގެ މުވައްޒަފުންނާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންތިހާބު ނިމުމުން ދަގަނޑު ހޮޅިތައް ހުރީ އެޗްޑީސީން ގެރިކޮއްޓެއް ހިންގި ތަނެއްގެ ތެރޭގައި ފޮރުވާފައެވެ.

ހުޅުމާލެއިން އެޗްޑީސީއަށް ނިސްބަތްވާ ހޮޅިތަކެއް ބޭރުކުރަން އުޅުނު މައްސަލައިގައި ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެޗްޑީސީން ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާކަމުގެ ތުހުމަތު ކުރެވޭއިރު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެޗްޑީސީގެ ޚާއްސަ އޮޑިޓެއް ހެދުމަށް ނިންމާފައެެވެ.