ދ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގެ ބަދިގޭގައި ގޭސް ލީކެއްވެ ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގައި މަސައްކަތް ކުރަމުންދިިޔަ ބިދޭސީންތަކެއް ފިހި އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާ ހިނގަން މެދުވެރިވީ ގޭސް ފުޅިއަކުން ގޭސް ލީކުވެފައި ވަނިކޮށް ކަރަންޓު ކުކަރަކަށް ކަރަންޓު ދިނުމުން، ހުޅު ފަޅައިގެން ގޮސް ކަމަށެވެ. އަދި މިކަން ހިނގާފައިވަނީ އިންސްޕެކްޝަނެއްގެ ތެރޭގައި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.
މިހާދިސާގައި 8 މީހަކު ފިހުނު ކަމަށާއި އެކި މީހުންނަށް ލިބިފައިވަނީ އެކިވަރުގެ އަނިޔާ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފައިވެއެވެ. އަދި އެމީހުންނަށް އެމަޖެންސީގައި ފ. ނިލަންދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ސީރިއަސްވި މީހުން މާލެ ގެނައުމުގެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ވެސް ގައުމީ ދިފާއީ ބާރުން ބުނެފައިވެއެވެ.