ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތް އިބްރާހިމް ސައުދީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
މެޑަމް ފާތުން މާލެ ވަޑައިގެންނެވުމުން ރައީސް ޔާމީން ވަނީ އެކަމަނާއަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންފައެވެ. ރައީސް ޔާމީނާއެކު ބައެއް ވަޒީރުން ވެސް ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ.
އިންތިޚާބުން ރައީސް ޔާމީން ބަލިވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ތެރޭ މެޑަމް ފާތުން ވަނީ އެންމެ ހަނގު ދަރިކަލުންނާއެކު މާލެ ދޫކުރައްވައި ސައުދީއަށް ވަޑައިގެންފައެވެ. ރައީސް ޔާމީން ހިމެނޭ ވައިބާ ގްރޫޕެއްގައި އެމަނިކުފާނު ވަނީ މިވަގުތު ސިޔާސީ މަސްރަހު ހުރިގޮތުން އަނބިކަނބަލުން މާލެ ދޫކުރައްވައި ވަޑައިގެންނެވީ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ފަރާތުން އިންތިޚާބު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅާފައިވަނިކޮށް އިއްޔެ އެމަނިކުފާނު ވަނީ މާޔޫސްކަމާއެކު ޚިތޯބެއް އިއްވަވާފައެވެ.