Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

އެޗްޑީސީން ދަނގަޑު ހޮޅި ވިއްކަން އުޅުނު މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ކެމްޕެއިނަށް ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ޖަހާފައިވާ ދަގަނޑު ހޮޅިތައް ދޯންނަކަށް އަރުވައިގެން ހުޅުމާލެއިން ބޭރު ކުރަން އުޅުނު މައްސަލާގައި އެތަނުގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އެތަނުގެ އެސިސްޓެންޓު މެނޭޖަރަކާއި އެސިސްޓެންޓު ސުޕަވައިޒަރެކެވެ. ހައްޔަރުކޮށްފައިވާ ދެމީހުން ހައްޔަރުކޮށްފައިވަނީ 480 ދަނގަޑު ހޮޅި ކުންފުނިން ވަގަށް ބޭރު ކުރަން އުޅުމުންކަމަށް މައުލޫމާތު ލިބެއެވެ. މި ދެމީހުން މިވަގުތު ތިބީ ހުޅުމާލެ ޕޮލިހުންގެ ބެލުމުގެ ދަށުގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހައްޔަރު ކުރި ދެމީހުންނަކީ އެތަނުގެ ޑީއެމްޑީ އާއި ގާތްގުޅުމެއް އޮންނަ ދެމީހުންނެެވެ. ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެމްޕެއިން ދުވަސްވަރު ހުޅުމާލެއަށް ވަޑައިގަތުމުން ހަމަ ނުޖެހުން ހިންގިއިރު އެތަނުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ.

އިއްޔެ ހަވީރުން ފެށިގެން ގިނަ އަދަދެއްގެ ދަނގަޑު ހޮޅިތަކެއް ހުޅުމާލެއިން ބޭރުކުރަން ދޯންޏަކަށް އަރުވަމުން ދަނިކޮށް އާއްމު ފަރާތަކުން ކުރި ރިޕޯޓަކަށް ފުލުހުން ވަނީ އެސަރަހައްދަށް ގޮސް އެ މަސައްކަތް ހުއްޓުވާފައެވެ.

އެޗްޑީސީން ނިމިގެން ދިޔަ ރިޔާސީ އިންތިހާބަށް މިލިއަނުން ފައިސާ ގަވާއިދާއި ހިލާފަށް ހަރަދު ކުރިކަމުގެ ތުހުމަތު ކުރެވިފައިވާ އިރު އެތަނުގެ ހާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ނިންމާފައެވެ.