Last Updated: April 24, 16:49
Wednesday, April 24, 2024
ޚަބަރު

ރައީސް ޔާމީން ފިއްލަވާފާނެ ކަމަށް ގަބޫލުކުރާނީ ކޮހުން: ޚަލީލް

އަބްދުﷲ ހަލީލް، ފޮޓޯ: އަވަސް

ރައީސް ޔާމީން ފަދަ ހިތްވަރުގަދަ ލީޑަރަކު ގައުމު ދޫކުރައްވައި ފިއްލަވާފާނެ ކަމަށް ގަބޫލުކުރާނީ ކޮހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް، އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އިއްޔެ ރައްޔިތުންނާ މުޚާތަބުކޮށް ދެއްވި ޚިތާބަށް ފަހު އެމަނިކުފާނު މިހާރު އުޅުއްވަނީ ގައުމު ދޫކުރައްވައި ފިއްލަވަން ކަމަށް ދެކެވޭ ވާހަކަތަކަށް ޚަލީލް ރައްދު ދެއްވާފައިވަނީ ޓުވީޓާ މެދުވެރިކޮށެވެ.

ޚަލީލް ވިދާޅުވީ 2010 ވަނަ އަހަރު ފެބްރުއަރީ މަހު، ބަޣާވާތް ކުރުމާއި ރިޝްވަތުގެ ތުހުމަތުގައި ސިފައިން ފޮނުވައި ހައްޔަރުކުރުމަށް ފަހު މިނިވަން ކުރުމުން، އަދި 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ ތުހުމަތު ބޮލުގައި އެޅުވީމާ ލައިވް ކެމެރާ ކުރިމަތީ ޖަވާބު ދެއްވި ބޭފުޅަކު ފިއްލަވާފާނެ ކަމަށް ގަބޫލުކުރާނީ ކޮހުން ކަމަށެވެ.

އަދި އޭނާ ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ފަހު އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ބަހުގެ ހަމަލާތައް ފޮނުވާފައެވެ. ޚަލީލް ވަނީ ނަޝީދު ރާއްޖެއިން ބޭރަށް އަރުވާލެވިގެން ހުރުން އެމަނިކުފާނު ކުރެއްވި ފިނޑި އަމަލެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.