Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އިންޑިޔާގެ ޖާސޫސޫން ސިރިސޭނާ އަވަހާރަކޮށްލަން އުޅޭކަމަށް ތުހުމަތުކޮށްފި

އިންޑިޔާގެ ޖާސޫސީ އިދާރާ އިން ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަވާހަރަކޮށްލުމަށް މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވާތީ އެކަން އެބޭފުޅާގެ ކެބިނެޓާއި ހިއްސާކުރައްވައިފިއެވެ.

ސްރީލަންކާގެ ބައެއް ނޫސްތަކުގައި ލަންކާގެ ކެބިނެޓް މިނިސްޓަރަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިޔާގެ ޖާސޫސީ އިދާރާއިން ސިރިސޭނާ އަވަހާރަކޮށްލުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މިކަން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް އެނގޭކަމަށް ނުބެލެވޭކަމުގައެވެ.

އެހެން ނަމަވެސް ދުނިޔޭގެ އެންމެ ވަރުގަދަ ޖާސޫސީ އިދާރާތަކުގެ ތެރޭގައި ހިމެނޭ، "ރިސާޗް އެންޑް އެނަލަސިސް ވިންގު" އިދާރާ ހިންގަނީ އިންޑިޔާގެ ބޮޑުވަޒީރުގެ އޮފީހުގެ ދަށުންނެވެ.

މިއީ އިންޑިޔާގެ ޖާސޫސީ އިދާރާއިން ލަންކާގެ ދާޚިލީ ކަންތަކަށް ނުފޫޒު ފޯޜުވަން އުޅުނު ކަމުގެ ތުހުމަތު އެ ގައުމުގެ ވެރިން ކުރެއްވި ފުރަތަމަ ފަހަރެއް ނޫނެވެ.

އެގޮތުން 2015 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ބަލިވީ އިންޑިޔާގެ ޖާސޫސީ އެޖެންޓުންތަކެއް ކުރި ސިއްރު މަސައްކަތްތަކެއްގެ ސަބަބުންކަމަށް ކުރީގެ ރައީސް ރާޖަޕަކްސާ ވެސް ވަނީ ވިދާޅުވެފައެވެ.

އަދި ދާދިފަހުން ރާއްޖޭގައި ބޭއްވި އިންތިހާބަށް ބޭރުގެ ޖާސޫސީ އިދާރާއަކުން ނުފޫޒު ފޯރުވިކަމަށް ރައީސް ޔާމީނަށް ތާއީދު ކުރައްވާ ފަރާތްތަކުން ވެސް ވަނީ ތުހުމަތު ކުރައްވާފައެވެ.