Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

މިނިވަން ނޫސްވެރިކަމަކީ ކުރިންވެސް ދެކެމުން އައި ހުވަފެނެއް: އިބޫ

އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެޓީވީ އަށް ވަޑައިގަތުން -- ފޮޓޯ: މުހައްމަދު ޝަރުހާން

މިނިވަން ނޫސްވެރިކަމަކީ ކުރީއްސުރެ ދެކެމުން އައި ހުވަފެނެއްކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށް މިއަދު އެ ސްޓޭޝަނަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ނިވަން އޮތުމަކީ އަބަދުވެސް ދެކިވަޑައިގެންނެވި ހުވަފެނެއް ކަމަށެވެ. އަދި އެގޮތަށް ދެކެވަޑައިގަންނަވަން ޖެހުނީ ނޫސްވެރިކަމުގެ ބިރުވެރިކަން އެންމެ ބޮޑަށް އޮތް ދުވަސްވަރު އެކަމުގެ ތެރޭގައި ހަރަކާތްތެރިވަޑައިގަންވަން ޖެހިވަޑައިގަތުމުން ކަަމަށެވެ.

އިބޫ ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަމުގެ އެންމެ ބޮޑު ބިރުވެރިމެއްގައި ހަރަކާތްތެރިވި ނޫސްވެރިންނަކީ ރާއްޖެޓީވީ ނޫސްވެރިންކަމަށާއި، އަދި އެންމެ މަގްބޫލް ޗެނަލަކީވެސް ރާއްޖެޓީވީކަމަށެވެ.

އިބޫ ވިދާޅުވީ ކޮންމެ ދުވަހަކު އެންމެ ފުރަތަމަ ހުޅުވާލާ ޓީވީ އަކީ ރާއްޖެޓީވީއަށް ވެފައި ދުވަހުގެ މައުލޫމާތު ރާއްޖެޓީވީ މެދުވެރިކޮށް ލިބިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުވެސް މިހާރު ވެސް ކޮންމެ ދުވަހަކު ހެނދުނު ހޭލާފައި އެންމެ ފުރަތަމަ ވެސް ހުޅުވާލަނީ ރާއްޖެޓީވީ އެއީ އަޅުގަނޑަށް ރާއްޖޭގެ މައުލޫމާތުތައް އެންމެ ފުރަތަމަ ލިބިގެންދާ ވަސީލަތަކީ. ތިބޭފުޅުން ތިކުރައްވާ މަސައްކަތަށް ފަށްފަށުން ޝުކުރު ދަންނަވަން"

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރާއްޖެޓީވީ މުވައްޒަފުން ކުރި ބުރަ މަސައްކަތް ވަރަށް ކައިރިން ދެކެވަޑައިގަތްކަމަށާއި އެއީ ހިތްވަރުގަދަ ބައެއްކަމަށް ވިދާޅުވެ ރާއްޖެޓީވީގެ ނޫސްވެރިންނަށް އިބޫ ޝުކުރު އަދާ ކުރެއްވިއެވެ.

އިބޫ އަކީ ރައީސް ނަޝީދު އާއި އެކު ނޫސްވެރިކަމުގައި ހަރަކާތްތެރިވި ބޭފުޅެކެވެ. ނޫސްވެރިކަމުގެ މަސައްކަތް އިބޫ ފައްޓަވާފައިވަނީ ޓީވީ މޯލްޑިވްސް ޕްރޮޑިއުސަރ މަގާމުންނެވެ. އޭގެ ފަހުން ރައީސް ނަޝީދު އާއި އެކު "ސަންގު" މަޖައްލާގައި މަސައްކަތް ކުރެއްވުމަށްފަހު ރާއްޖޭގައި ޑިމޮކްރަސީ އާއި މިނިވަން ނޫސްވެރިކަމެއް ފެށުމަށް އުފެއްދި "މިނިވަން"ގެ އެއް ހިއްސާދާރަކީ އިބޫއެވެ.