Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ބަޔާންތަކުގައި ސޮއިކޮށްފި

ފޮޓޯ: ސޯޝަލް މީޑިއާ ޓްވިޓާ

ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލައިގައި ވަކީލުން ދައްކަވާފައިވާ ވާހަކަތަކުގެ ބަޔާންތަކުގައި އެފަރާތްތަކުން ސޮއިކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ހުށަހެޅި މައްސަލަ ހުށަހެޅުއްވި ރައީސް ޔާމީންގެ ވަކީލުންނާއި، އިލެކްޝަންސްގެ ވަކީލުން އަދި މައްސަލައަށް ތަދައްހުލްވި އިދިކޮޅު ކޯލިޝަނުގެ ވަކީލުން ވެސް ވަނީ ބަޔާންތަކުގައި ސޮއިކޮށްފައެވެ.

މިކަން ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވަނީ 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ.

ޚިޔާލީ ވާހަކަތަކާއި "ލިޔެވޭ އަނގޮޓި" އެއް އަދި "ވޯޓު ކަރުދާހުން ފާހަގަ ވެއްޓޭ" ކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތްުޕުޅުން އެކަން ސާބިތުކުރުމަށް ސިއްރު ހެކިން ވެސް ހުށަހެޅިއެވެ. އެހެން ނަމަވެސް އެ ކޯޓުން ވަނީ އެ ހެކި ބަލައިނުގަންނަން ނިންމާފައެވެ.

ވަކީލުންގެ ބަޔާންތަކުގައި ސޮއިކޮށްފައި ވާއިރު، މައްސަލައިގެ ހުރިހާ އަޑުއެހުމެއް މިހާރު ވަނީ ނިންމާފައެވެ. އެހެންވެ ވަރަށް އަވަހަށް ސުޕްރީމް ކޯޓުން އިންތިހާބާއި ގުޅޭ މިމައްސަލައިގައި ހުކުމް ކުރާނެ ކަމަށް ބެލެވެއެވެ.