Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ކުރި ބުރަ މަސައްކަތް ފެނުނު ބައެއް ނެތް: އަޝްމަލީ

photo: sun.mv

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނުގެ ކެމްޕޭނުގައި އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުން ދިޔަ ކަމަށާއި، އެހުރިހާ ކަމެއް ދިޔައީ ފަންފުލުން، އަގު ވަޒަން ނުކުރެވި ކަމަށް ދިރާގުގެ ޗެއާމަން އަހުމަދު އަޝްމަލީ ބުނެފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި އަޝްމަލީ، މަހްލޫފަށް ފޮނުވި މެސެޖުތަކެއް ހިމެނޭ ޗެޓުލޮގެއް އާންމުކުރުމަށް ފަހު ލިޔެފައިވަނީ، "އަޅުގަނޑަށް އަޝްމަލީ ފޮނުވި މެސެޖު އޭނާގެ ހުއްދައާ އެކު ރައްޔިތުންނާ ހިއްސާ ކުރަން،" މިހެންނެވެ.

މިޗެޓުލޮގުގައި އަޝްމަލީ ވަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ސިޔާސީ ގޮތުންނާއި ސަރުކާރުގެ ތެރެއިން ވެސް މަސައްކަތް ކޮށްދިން ކަމަށާއި އެކަމުގެ އެއްވެސް ކަމެއްގެ އަގު ވަޒަން ނުކުރެވި، ހުރިހާ ބަދުނާމެއް ބޮލުގައި އަޅަން ޖެހުނު ކަމަށް ވިދާޅުވެފައެވެ.

އަދި މަހްލޫފް އޭރު ދެއްކި ވާހަކަ އަޑުއިވުނު ނަމައޭ ހިތަށް މިހާރު އަރާ ކަމަށާއި، ރައީސް ޔާމީނަށް ކޮށްދިން މަސައްކަތް އެހެން ބޭފުޅަކަށް ކޮށްދެވުނު ނަމަ އެކަމުގެ އަގު ވަޒަން ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ބުނެފައިވެއެވެ.

އިންތިޚާބުން ރައީސް ޔާމީން ބަލިވުމަށް ފަހު ޕީޕީއެމް އެތެރޭގައި ބޮޑެތި ބައިބައިވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން ޕާޓީގެ ޕީޖީ ގްރޫޕުގެ ނައިބު ލީޑަރ، އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި އޭދަފުށި ދާއިރާގެ މެމްބަރު ސަލީމް(ރެޑްވޭވް) ވަނީ ރައީސް ޔާމީން ބަލިވުމުގެ ފުރިހަމަ ޒިންމާ ޕާޓީގެ އިސް ލީޑަޝިޕުން ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އާންމު މެމްބަރުންގެ ތެރޭގައި ވެސް ޚިޔާލު ތަފާތުވުންތައް އުފެދި ގިނަ ބަޔަކު ޕީޕީއެމުން ވަކިވަމުން އަންނަ މަންޒަރު މިހާރު ވަނީ ފެންނަން ފަށާފައެވެ. ޚާއްސަކޮށް އިންތިޚާބު ބާތިލުކުރުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމުން ވޯޓު ފޮށީގެ އޮފިޝަލުންނަށާއި ޕީޕީއެމްގެ ފަރާތުން އޮބްސާވްކުރަން ދިޔަ އޮފިޝަލުން ވަނީ ނުރުހުން ފާޅުކޮށް ފާޑުކިޔާފައެވެ.