Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ތަޙުޤީގަށް ގެންގުޅޭ ފޯނު ދެވެން ނެތުމަކީ ކުށެއް ނޫން: ހައި ކޯޓު

އެއްވެސް މީހަކު ގެންގުޅޭ މޮބައިލް ފޯނު، ފުލުހުންގެ ތަޙުޤީޤަށް ނުދިނުމަކީ ޤާނޫނީ ކުށެއް ނޫން ކަމަށް ދިވެހިރާއްޖޭގެ ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ހައިކޯޓުން މިގޮތަށް ކަނޑައެޅީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް، ފުލުހުންގެ ތަހްޤީގަށް ފޯނު ނުދެއްވި ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު ޝަރީއަތުގެ ޙުކުމްގަ އެވެ.

އެ ޙުކުމްގައި ބުނެފައި ވަނީ މީހަކު ފޯނެއް ގެންގުޅުމަކީ އޭގެ ޒާތުގައި ކުށެއް ނޫން ކަމަށާއި، ފޯނަކީ ފޯނުގެ ބޭނުންކޮށްގެން އަނެކުންނާއި ޒާތީ މުއާސަލާތުކުރުމަށް ބޭނުންކުރާ ވަސީލަތަކަށްވާއިރު އަނެކުންނާކުރާ ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ޙައްޤެއްކަން ޤާނޫނު އަސާސީއިން އެނގެން އެބަ އޮތް ކަމަށެވެ.

އަދި އެ ޙުކުމްގައި އިތުރަށް ބުނެފައި ވަނީ މީހަކު ގެންގުޅޭ ފޯނެއް ގެއްލިގެން ނުވަތަ ފެންނަން ނެތިގެން ނުވަތަ އެނޫން ވެސް ސަބަބެއް މެދުވެރިވެގެން އެމީހަކު ގެންގުޅޭ ފޯނެއް ދެވެންނެތުމަކީ، ހަމައެކަނި އެސަބަބަށްޓަކައި ޤާނޫނުލްއުގޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރަށް ރިއާޔަތްކޮށް ކުށެއްކަމުގައި ނުބެލެވޭނެ ކަމަށެވެ.

މައުމޫނުގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމަނިކުފާނު ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލާގައެވެ.