Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

މުލީއާގޭ ކައިރީގައި ބޮން ބޭއްވި މައްސަލައިގައި އުބައިދަށް ކުރި ޙުކުމް ބާތިލުކޮށްފި

ހައި ކޯޓު -

2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މުލީއާގެ ކައިރިން އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ފެނުނު މައްސަލައާއި ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، އޭނާ މިނިވަންކޮށްފި އެވެ.

ހައި ކޯޓުން މިއަދު މިނިވަންކޮށްފައި ވަނީ 17 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރަމުން ގެންދިޔަ މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހިމް އެވެ. އޭނާ މިނިވަންކުރީ އޭނާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.

އެ މައްސަލާގައި އުބައިދުގެ އިތުރުން ޖަލު ޙުކުމެއް އައިސްފައި ވަނީ ހއ. ހޯރަފުށީ އާރޯ، އަހުމަދު މަމްދޫހު އާއި ތ. ތިމަރަފުށީ ވިލާ، އަހުމަދު ޒިހާންގެ އިތުރުން ހ. މިޓާޒް، ތަލްއަތު މުހައްމަދުގެ މައްޗަށެވެ. އޭގެ ތެރެއިން މަމްދޫހުގެ މައްޗަށް 20 އަހަރުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން އިއްވިއިރު، ދެން ތިބި މީހުންނަށް އިއްވީ 17 އަހަރުގެ ޖަލު ހުކުމެކެވެ.

ހައި ކޯޓުން މިއަދު އިއްވި ޙުކުމްގައި ބުނެފައި ވަނީ އެ މައްސަލައިގައި ފުލުހުން ހުށަހަޅާފައިވާ ހެކި ބަހަށް ބަލާއިރު އުބައިދު ދިރިއުޅޭ ގެ ބަލައި ފާސްކުރިނަމަވެސް އެގޭގެ އެއްވެސް ތަނަކުން މައްސަލައާއި ގުޅޭ ހެއްކެއް ފެނިފައި ނުވާކަމަށެވެ. އަދި މުލީއާގޭ ކައިރިން ނަގާފައިވާ ސީސީޓީވީ ފުޓޭޖަކުންވެސް އެދުވަހު އުބައިދު ފެނިފައި ނުވާ ކަމަށާއި، އުބައިދުގެ ގޭގައި ބޮން ހެދިނަމަވެސް، އޭނާ އެވަގުތު ގޭގައި ނޫޅޭކަން އެނގެން އޮންނަ ކަމަށް އެ ޙުކުމްގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެކަމުގައި އުބައިދު ބައިވެރިވި ކަމަށް ބުނެ ހުށަހަޅާފައި އޮތީ އެ މައްސަލާގައި ތުހުމަތު ކުރެވޭ އެއް ފަރާތް ކަމަށްވާ ޒިހާން ތަހުޤީޤަށް ދިން ބަޔާނެއް ކަމަށާއި އިތުރު އެއްވެސް ހެއްކެއް އުބައިދާ ދެކޮޅަށް ހުށަހަޅާފައި ނެތް ކަމަށް ހައި ކޯޓުގެ ޙުކުމްގައި ވެއެވެ. އަދި އުބައިދާ ދެކޮޅަށް ތަހުގީގުގައި ޒިހާން ދިން ބަޔާނަކީ މަޖުބޫރު ވެގެން ދިން ބަޔާނެއް ކަމަށާއި އެކަމުގައި އުބައިދުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ޒިހާން ދަށު ކޯޓުގެ ޝަރީއަތުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެހެންކަމުން، އުބައިދުގެ މައްޗަށް ކުށް ސާބިތުވާ މިންވަރު ހެއްކެއް ނެތް ކަމަށް ކަނޑައަޅައި، ދަށު ކޯޓުގެ ހުކުމުގައި އޭނާ ޖަލަށްލާން ހުކުމްކުރި ބައި ބާތިލްކުރާ ކަމަށް ހައި ކޯޓުގެ ޙުކުމްގައި ބުނެފައި ވެއެވެ.