Last Updated: April 18, 09:02
Thursday, April 18, 2024
ޚަބަރު

މައުލޫމާތު ހާމަކުރުމުގެ "ރަންވަނަ" ތިން އިދާރާއަކަށް

މަޢުލޫމާތު ހާމަކުރުމުގެ "ރަންވަނަ 2018" ތިން އިދާރާއަކުން ހާސިލުކޮށްފިއެވެ.

މިނިވަން މުއައްސަސާތަކުގެ ތެރެއިން "ރަންވަނަ 2018" ހާސިލުކޮށްފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެވެ. މިއީ މި އިނާމު އެ ކޮމިޝަނުން ވިދިވިދިގެން ހޯދި ތިންވަނަ ފަހަރެވެ.

ލޯކަލް ކައުންސިލްތަކުގެ ގިންތީން އެންމެ މަތިން މާކްސް ހޯދައިގެން "ރަންވަނަ 2018" ހާސިލުކުރީ، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުންގެ އިދާރާއެވެ. މިއީ އެ އިދާރާ މި ވަނަ ހޯދި ދެވަނަ އަހަރެވެ.

ސަރުކާރުގެ އިދާދާތަކުން "ރަންވަނަ 2018" ހޯދާފައިވަނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއެވެ. މިއީ، ސަރުކާރުގެ އިދާރާތަކުގެ ބައިން "ރަންވަނަ" ހޯދި ފުރަތަމަ އިދާރާއެވެ.

މިއިދާރާތަކަށް "ރަންވަނަ" ހަވާލުކޮށްދެއްވީ، ހަފުލާގެ ޝަރަފުވެރި މެހުމާނު، އޮޑިޓަރ ޖެނެރަލް އަލްފާޟިލް ޙަސަން ޒިޔަތެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ "ރަންވަނަ" ތަޢާރުފުކުރުމުގެ މައިގަނޑު މަޤުޞަދަކީ، ދައުލަތުގެ އެންމެހައި ކަންކަން ހާމަކަންބޮޑު ގޮތެއްގައި ކުރިޔަށް ގެންދާން މަގުފަހިކޮށް، އެ އިދާރާއެއްގެ އަމިއްލަ އިސްނެގުމުގެ މަތީން މަޢުލޫމާތު ހާމަކުރުމަށާއި ފެތުރުމަށް ހިތްވަރުދިނުން ކަމަށެވެ.

'މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ' އަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލް އަޤުވާމީ ދުވަސް ފާހަގަކުރުމަށްޓަކައި، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ބޭއްވުނު ޙަފްލާގައި އިންފޮމޭޝަން ކޮމިޝަނަރު އިޢުލާން ކުރެއްވި ޝަރަފުވެރި އެވޯޑެކެވެ.