Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މަޖިލިސް އިންތިޚާބު އަންނަ މާޗު މަހު ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރުގެ މާޗު މަހުގެ ފަހުކޮޅު ބާއްވަން ތައްޔާރީތައް ވަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ ތަރުޖަމާނު އަހްމަދު އަކްރަމް އާއި ހަވާލާދީ "ރާއްޖެއެމްވީ" އިން ރިޕޯޓްކުރާ ގޮތުގައި 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި މަޖިލިސް އިންތިޚާބު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިހާރު ކުރިއަށްދަނީ ސިޔާސީ ޕާޓީތަކާއެކު އެކަމާ ގުޅޭ މަޝްވަރާތައް ކަމަށެވެ.

އެގޮތުން ވެރިރަށް މާލެގެ އިންތިޚާބީ ދާއިރާތަައް ތަމްސީލް ކުރައްވާ މަޖިލިސް މެމްބަރުންނާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ މިއަދު ބައްދަލުކޮށްފައެވެ.

އެގޮތުން 2019 ވަނަ އަހަރުގެ އިންތިޚާބުގައި މާލެއަށް އިތުރު ދެ ގޮނޑި ލިބޭނެއެވެ. މާލެއަށް އިތުރުވާ ދެ ގޮނޑި އާއި އެކު މަޖިލީހުގެ މެންބަރުންގެ އަދަދު 87 އަށް އަރާނެއެވެ.

2014 ވަނަ އަހަރުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވިއިރު، މާލޭގެ އާބާދީ 63000 ގައި ހުރި ނަމަވެސް، މި އަހަރުގެ މެއި މަހުގެ ނިޔަލަށް މާލޭގެ އާބާދީ ވަނީ 70977 އަށް އަރާފައެވެ.

މާލޭއަށް އިތުރު ދެގޮނޑި ލިބުނީ، މަޖިލީހަށް މެންބަރުން އިންތިހާބު ކުރަމުން ދަނީ، 5000 މީހުންނަށް ދާއިރާއެއްގެ އުސޫލުން، ބަލާއިރު މާލޭގެ އާބާދީ އިތުރުވެފައިވާތީއެވެ.