Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

އިންތިގާލީ ކޮމެޓީން އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކޮށްފި

ވެރިކަން ބަދަލުކުރުމުގެ މަރުހަލާ އާއި ގުޅޭ ގޮތުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ފަރާތުން އައްޑޫ ސިޓީ ކައުންސިލާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

ޑިރެކްޓަރ ޖެނެރަލްސް އޮފް ޓްރާންސިޝަންގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) އާއި ކައުންސިލް 6 މެމްބަރުންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޒިއްމާދާރު ވެރިޔާ މުހައްމަދު ސައުދީ ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ކަންބޮޑުވުންތަކާއި މައުލޫމާތު ވަނީ އިންތިގާލީ ކޮމެޓީ އާއި ހިއްސާ ކުރައްވާފައެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރެއްވުން ނޮވެމްބަރ 17 ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ އިރު ވެރިކަން ބަދަލު ކުރުމުގެ މަޝްވަރާތައް ވަރަށް ބާރު ސްޕީޑެއްގައި ދަނީ ކުރިއަށް ގެންދަމުންނެވެ.

އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރެއްވި އިރު އިބޫގެ ވެރިކަމެއްގައި ކައުންސިލަށް ފުރިހަމަ ބާރު ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އައްޑޫގެ ތަރައްޤީއަށް ހާއްސަ މެނިފެސްޓޯއެއް އިބޫ ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.