Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

އިންތިހާބު ބާޠިލް ކުރަން ހުށަހެޅި މައްސަލައިގެ ހުކުމް ކުރުން އާދީއްތަ ދުވަހު

ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް ކުރުން އަންނަ އާދީއްތަ ދުވަހަށް ތާވަލްކޮށްފިކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

އިންތިހާބާއި ގުޅޭ މައްސަލައިގެ ހުކުމް ކުރުމުގެ ޝަރީއަތް އާދީއްތަ ދުވަހަށް ތާވަލް ކުރިކަމަށް އަޑުފެތުރުނު ނަމަވެސް ސްޕްރީމް ކޯޓުގެ ވެބްސައިޓުގައި ޝަރީއަތް ތާވަލުކުރިކަަން ހާމަކޮށްފައި ނުވެއެވެ.

ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ހުށަހެޅި މައްސަލަ ހުށަހެޅުއްވި ރައީސް ޔާމީންގެ ވަކީލުންނާއި، އިލެކްޝަންސްގެ ވަކީލުން އަދި މައްސަލައަށް ތަދައްހުލްވި އިދިކޮޅު ކޯލިޝަނުގެ ވަކީލުން ވެސް ވަނީ ބުރާސްފަތި ދުވަހު ބަޔާންތަކުގައި ސޮއިކޮށްފައެވެ.

މިކަން ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވަނީ 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ.

ޚިޔާލީ ވާހަކަތަކާއި "ލިޔެވޭ އަނގޮޓި" އެއް އަދި "ވޯޓު ކަރުދާހުން ފާހަގަ ވެއްޓޭ" ކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތްުޕުޅުން އެކަން ސާބިތުކުރުމަށް ސިއްރު ހެކިން ވެސް ހުށަހެޅިއެވެ. އެހެން ނަމަވެސް އެ ކޯޓުން ވަނީ އެ ހެކި ބަލައިނުގަންނަން ނިންމާފައެވެ.

ވަކީލުންގެ ބަޔާންތަކުގައި ސޮއިކޮށްފައި ވާއިރު، މައްސަލައިގެ ހުރިހާ އަޑުއެހުމެއް މިހާރު ވަނީ ނިންމާފައެވެ.