Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ހެކި ހޯދުމަށް ތުރުކީ ސިފައިން ކައިރި ޖަންގައްޔާއި ދަނޑުބިންތައް ބަލަނީ

ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ފަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ސައުދީ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީ ހޯދުމަށް ތުރުކީ ސިފައިން ކުރަމުން އަންނަ ތަހުގީގު ފުޅާކޮށްފިއެވެ.

ތުރުކީ ސިފައިން ވަނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮޮތުގައި ތަހުގީގު ކުރަން ފަށާފައެވެ. އަދި ސިފައިން ވަނީ ސައުދީ ކޮންސިއުލޭޓު ވެސް ބަލާ ފާސްކޮށްފައެވެ. މީގެ އިތުރުން ޚާޝޯގީ މަރާލުމަށް ފަހު ކައިރި ޖަންގައްޔެއްގައި ހަށިގަނޑު ވަޅުލާފައިވާ ކަމަށް ބުނެ އަޑު ފެތުރެމުންދާތީ ސިފައިން ވަނީ އެތަންތަން ވެސް ބަލާ ފާސްކުރަން ފަށާފައެވެ.

ކޮންސިއުލޭޓު ބަލާ ފާސްކުރުމަށް ފަހު ނެގި ބައެއް ޑީއެންއޭ ތުރުކީ ސިފައިން އަންނަނީ ޚާޝޯގީގެ ޑީއެންއޭއާ ދިމާވެތޯ ބަލަން ޓެސްޓު ކުރަމުންނެވެ.

އިސްތަންބޫލުގައި ހުރި ސައުދީ ކޮންސިއުލޭޓަށް މިމަހުގެ 2 ވަނަ ދުވަހު ވަން ޖަމާލް ޚަޝޯގީ ވަނީ ރަހުމު ކުޑަ ގޮތަކަށް މަރާލާފައި ކަމަށް އަޑުފެތުރިފައިވާއިރު ސައުދީ އަރަބިއްޔާ އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ނަމަވެސް ސައުދީ ކޮންސިއުލޭޓަށް ވަން ފަހުން އޭނާ އެތަނުން ނިކުމެފައިނުވާ ކަމަށް އޭނާއާއެކު އެތަނަށް ދިޔަ ލޯބިވެރިޔާ ވަނީ ބުނެފައެވެ. އަދި ޚާޝޯގީ އެތަނުން ނިކުތް އެއްވެސް މަންޒަރެއް ސައުދީއަށް ދެއްކިފައެއް ނުވެއެވެ.