Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

"އެމް7 އަށް ވޯޓު ކަރުދާސް ޗާޕުކުރަން ފޮނުވީ މަޖުބޫރުވެގެން"

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ފާހަގަ ޖަހަން ޖެހޭ ވޯޓު ކަރުދާސް ޗާޕު ކުރަން އެމް7 އާ ހަވާލުކުރީ އިތުރު ގޮތެއް ނެތި، މަޖުބޫރީ ހާލަތެއްގައި ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އިންތިޚާބު ބާތިލުކުރަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލާގައި އެމަނިކުފާނުގެ ވަކީލުން ދެއްކި ވާހަކަތަކުގެ ތެރެއިން މައި އެއް ނުކުތާ އަމާޒުވީ އެމް7 އަށެވެ. އެގޮތުން އީސީން އެމް7 އާ ވޯޓު ކަރުދާސް ޗާޕުކުރުން ހަވާލުކުރީ ގަވާއިދުގެ ބޭރުން ވޯޓު އޮޅުވާލުމަށް ކަމަށް ކޯޓުގައި ވަކީލުން ބުނެފައިވެއެވެ. އަދި އެމް7 ގެ ހިއްސާދާރަކަށް އިދިކޮޅު ކޯލިޝަންގެ އެއް ލީޑަރ، ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދް ގާސިމް ވާއިރު އެއީ ވެސް ވޯޓު އޮޅުވާލުމަށް އީސީން ކުރި ކަމެއް ކަމަށް ވަކީލުން ބުނެފައިވެއެވެ.

ޖަވާބުގައި އީސީގެ ވަކީލް ހުސެއިން ޝަމީމާއި މައްސަލައަށް ތަދައްޚުލްވި އިދިކޮޅު ކޯލިޝަންގެ ވަކީލުން ރައްދު ދެއްވަމުން ބުނެފައިވަނީ އެމް7 އަށް ވޯޓު ކަރުދާސް ޗާޕުކުރަން ހަވާލުކުރީ ފިނޭންސް މިނިސްޓަރު މުނައްވަރު ސޮއި ކުރެއްވުމަށް ފަހު އެ މިނިސްޓްރީން ކަމަށެވެ.

އެކަމާ ގުޅިގެން ރޭ ފިނޭންސް މިނިސްޓަރު ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކުގައި ވަނީ އެމް7 އާ ވޯޓު ކަރުދާސް ޗާޕުކުރަން އީސީން ހަވާލުކުރީ އޭގެ ނާޖާއިޒު ފައިދާ ކޮމިޝަނުގެ މެމްބަރުންނަށް ލިބޭނެ ގޮތަށް ކަމަށެވެ. އަދި އެމަނިކުފާނަށް އެ އޯޑަރު އެޕްރޫވް ކުރަން މަޖުބޫރު ވެގެން ދިޔަ ކަމަށާއި ސަބަބަކަށް ވީ އެ އޯޑަރު އެޕްރޫވް ކުރަން ފޮނުވީ ވޯޓުލާން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކަމަށެވެ.

އަދި ރައްޔިތުންގެ ނިންމުމާ ގުޅުން ހުރި ކަމެއް ލަސް ކުރެވެން ނޯންނާނެތީ ޖެހުނީ އެ އޯޑަރު އެޕްރޫވް ކުރަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ. ވޯޓު ކަރުދާސް ޗާޕް ކުރުމަށް ހުށައެޅި ބިޑުން އެންމެ މަތިން ޕޮއިންޓު ލިބުނީ ނޮވެލްޓީ ބުކްޝޮޕަށް ކަމަށާއި ނަމަވެސް އެމް7 ނޫން ބަޔަކު އެކަން ކުރަން ނެތް ކަމަށް އީސީން އެންގި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެމް7 އިން ހުށައެޅި ބިޑު މާ ބޮޑުވުމުން ފުރަތަމަ އެ ހުށައެޅުން ގަބޫލުނުކުރުމުން ދެވަނަ ފަހަރަށް ބިޑު ހުށައެޅުމުން އެމް7 ނޫން ބަޔަކު އެކަން ކުރަން ނެތް ކަމަށް އީސީން އެންގި ކަމަށް ވެސް ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވިއެވެ. އަދި އެމް7 އާ އެކަން ހަވާލުކުރީ އީސީން މަސައްކަތް ކުރީ ހެޔޮ ނިޔަތެއްގައި ދެކިގެން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.