Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އާދަޔާ ޚިލާފަށް ކުލަ ބަދަލުކުރާ "ސިޔާސީ" ބޯވަތައް ގިނަވަނީ!

ބޯވައަކީ ކަނޑުގައި ލެއްވި ވަރަށް އާދަޔާ ހިލާފު ދިރުމެކެވެ. އެއީ ކެމަފުލާޖް ނުވަތަ ކުލަ ބަދަލުކުރުމުގެ ރަސްގެފާނެވެ. ބޭނުން ވެއްޖެ ކޮންމެ ވަގުތަކު ބޯވައިގެ ކުލަ މާހައުލާ އެއްކުލައަކަށް ބަދަލު ކޮށްލައެވެ. އެހެން ވުމުގެ ސަބަބުން ދުޝްމަނުންގެ ކިބައިން ސަލާމަތްވުމަށް ފަސޭހަވެ އެވެ.

ދިވެހިރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ބޯވަތަކުގެ ކެމަފްލާޖް ކުރުމުގެ "އުކުޅު" ސިޔާސީ މައިދާނުން ފެންނަން ފަށައިފިއެވެ. ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުން ދިޔަ ފަރާތްތަކާއި އެކު ތިބި މީހުންގެ ރާގު ބަދަލުވެއްޖެއެވެ.

ރާއްޖޭގައި އަނިޔާ އާއި ބޭއިންސާފު އާއްމުވި އިރު އެކަމަށް އަތްޖަހަން ތިބި މީހުން ވެސް މިއަދު ކޮޅު ބަދަލުކުރަން ފަށައިފިއެވެ. އެކްޓިވިސްޓުންނާއި ކުންފުނިތަކުގެ ވެރިން އަދި މަޖިލިސް މެންބަރުންނެވެ. އެމީހުން ބުނާތީ އަޑުއިވެއެވެ. ތިމަންނާމެން ވެސް ވޯޓު ދިނީ ބަދަލަކަށެވެ.

މިވެރިންގެ އަމަލުތައް ބޯވައެކޭ އެއްވެސް ތަފާތެއް ނެތެވެ. ހާލަތަށް ބަލާފައި ކުލަ ބަދަލުކޮށްލީއެވެ. ބަދަލު ގެންނަން ހަނާވި ރައްޔިތުން ކުރި ހުރިހާ މަސައްކަތެއްގެ ފޮނިކޮޅު ބޯލަން ފުރުސަތު ދޭންވީ ހެއްޔެވެ؟

ރައީސް ޔާމީންގެ ޚުދުމުހުތާރު ވެރިކަމާއި ދެކޮޅަށް ރިޔާސީ އިންތިހާބުގައި ކާމިޔާބީގެ އަސްލަކީ ދިވެހި ރައްޔިތުން ދެއްކި ހިތްވަރެވެ. ރައީސް ޔާމީންގެ ލަފާކުރުންތައް ހުރީ ސިޔާސީ ލީޑަރުން ޖަލަށް ލައިގެން ތިމަން މަނިކުފާނަށް ވެރިކަން ދިފާއުކުރެއްވޭނެ ކަމަށެވެ.

އިންތިހާބުގައި ފެނިގެން ދިޔައީ، ލީޑަރުން އެކަހެރި ކުރި ނަމަވެސް ރައްޔިތުން ނިކުމެ ރައީސް ޔާމީނަށް ނޫނެކޭ ބުނި މަންޒަރެވެ. އެހެން ނަމަވެސް ރައްޔިތުންގެ ވޯޓާއި އެކު މިނިވަންވި ލީޑަރުންގެ ފަރާތުން ވެސް ރައްޔިތުންނަށް ޝުކުރު އަދާކުރުމުގެ ބައި ފެންނަނީ ވަދު ގޮތަކަށެވެ.

ސިޔާސީ މީހުން އެމީހުން އެމީހުންނަށް އޮޅިލައި ބައްދާލާ ހަދަނީއެވެ. ބުނާ ކަހަލައެވެ. މިއީ އަހަރުމެންގެ މޮޅުކަމެވެ.

ސިޔާސީ ފަރާތްތަކުން ކޮންމެ ގޮތަކަށް ބުންޏަސް، ރައީސް ޔާމީންގެ ވެރިކަން ނިންމާލީ ވަޒީފާގެ ގެއްލުވާލިޔަސް އަދި ކިތަންމެ ނުފޫޒެއް ކުރިމަތިކުރިއަސް އަމާން ނުދީ އެރައްޔިތުންގެ ބާރު ދައްކާލަން ލިބުނު ހަމައެކަނި ފުރުސަތުގައި ގޮސް ރައީސް ޔާމީނަށް ނޫނެކޭ ބުނި މީހުންނެވެ.

ފާއިތުވި 5 އަހަރު ރައީސް ޔާމީނަށް ސަނާ ކިޔަން ނުގޮސްގެން އެތައް ބައެއްގެ ވަޒީފާތައް ގެއްލުނެވެ. ނުވަތަ ގެއްލުވާލާނެ ކަމުގެ ބިރާއި އެކު އެތައް ގޮތަކުން އެރައްޔިތުންނަށް ފިއްތާލިއެވެ. ބަދަލުގެނައީ ހިތްވަރާއި އެކު "ފިތިގެން" ތިބެ ވެސް އެމީހުންގެ ހިތްވަރުންނެވެ.

ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވުމާއި އެކު މިހާރު ފެންނަނީ މީގެ ކުރިން އަނިޔާވެރިކަމަށް ހިތްވަރުދިން މަޖްލިސް މެމްބަރުންނާއި، ކުންފުނިތަކުގެ ވެރިންނާއި ސިޔާސީވެގެން ޓްވިޓާގައި ހިތުހުރި އެއްޗެއް ގޮވަމުން ދިޔަ މީހުން ކޮޅު ބަދަލު ކުރާތަނެވެ. އެމީހުން މިއަދު އަރައި ތިބީ މިގައުމު އިސްލާހު ކުރަން ނިކުތް މީހުންގެ ކުރިއަށެވެ.

ރައްޔިތުން ކުރި ހިތްވަރުގެ ފޮނިކޮޅު ބޯލަން، ސިޔާސީ ގޮތުން ކުލަ ބަދަލުކުރާ ކޮންމެ މީހަކަށް މަރުހަބާ ކިޔުމަކީ ރައްޔިތުންނަށް ކުރެވޭ މަލާމާތެކެވެ. ރައްޔިތުން އެދޭ އިންސާފަކީ އެއީ އެއް ނޫނެވެ.