Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ހިތަދޫ އާރިކިޅިގައި އަޅާ ބްރިޖްގެ މަޝްރޫޢަށް ބިޑް ހުށަހެޅުމަށް އަލުން ހުޅުވާލައިފި

އައްޑޫ ސިޓީ ހިތަދޫ އާރިކިޅި - ފޮޓޯ: ފްލިކާ

އައްޑޫ ސިޓީގެ ހިތަދޫގެ އާރިކިޅި ހުރަސްކުރެވޭނެހެން އަޅާ ބްރިޖްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތަށް ބިޑް ހުށަހެޅުމަށް އަލުން ހުޅުވާލާފައި ވަނީ، ކުރިން އެކަމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ލިބުނު އަންދާޒީ ހިސާބުތަކުގެ އަގު، މަސައްކަތަށް އެކަށީގެންވާ އަގަށްވުރެ ބޮޑުކަމަށްވާތީ ކަމަށެވެ.

އަދި ބިޑް ވިއްކުން އޮންނާނީ 21 އޮކްޓޯބަރ ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 25 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ކަމަށާއި، ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ) ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

ކައުންސިލުން ބުނީ ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ މި ހިނގާ އޮކްޓޯބަރ މަހުގެ 29 ވާ ހޯމަ ދުވަހުގެ 10:00ގައި އެ ކައުންސިލްގެ އިދާރާގެ ހޯލްގައި ކަމަށެވެ.

މީގެ އިތުރުން، ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން 28 އޮކްޓޯބަރ ވާ އާދިއްތަ ދުވަހުގެ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް [email protected] އަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އެ މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 28 އޮކްޓޯބަރ ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެ ކަމަށެވެ.