Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ނޮވެމްބަރު ތިނެއްގައި ނަޝީދު އައްޑުއަށް

ރައީށް ނަޝީދު، ފޮޓޯ: ރައީސް ނަޝީދު ފޭސްބުކް ޕޭޖް

ދެއަހަރަށް ވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު އަންނަ މަހުގެ އެއްވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޮވެމްބަރު 3 ވަނަ ދުވަހު އައްޑު އަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ފަނޑިޔާރު އަބްދުﷲ މުހައްމަދު ހުންނަވަނިކޮށް އޭނާ ހައްޔަރުކޮށް އެކަހެރި ކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

ރައީސް ނަޝީދު ވަނީ "ވީގޮތެއް ވާން" ނޮވެމްބަރު އެއްވަނަ ދުވަހު މާލެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ޖަލު ހުކުމާ މެދު ގޮތެއް ނުނިމެނީސް ރާއްޖެ ވަޑައިނުގަތުމަށް ނަސޭހަތްތެރިވެފައެވެ.

ނަމަވެސް ނަޝީދަކީވެސް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު މިނިވަން ކުރުމަށް އަމުރުކުރި ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ލީޑަރެކެވެ. މީގެ އިތުރުން އދ. ގެ ސިޔާސީ ކުށްވެރިންނާ ބެހޭ އާބިޓަރީ ކޮމިޓީން ވަނީ ރައީސް ނަޝީދު ހައްޔަރުކޮށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ބޭއިންސާފުން ކަމަށާއި އެމަނިކުފާނު ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށް ނިންމައި ދިވެހި ސަރުކާރަށް އެކަން އަންގާފައެވެ.