Last Updated: April 20, 16:27
Saturday, April 20, 2024
ރިޕޯޓް

ނޫސްވެރިޔަކު ގެއްލުވާލައިފި، އަރަބި ދުނިޔެ ހިމޭނުން!

ސައުދީ އަރަބިއްޔާގެ ނޫސްވެރިޔެއް ކަމަށްވާ ޖަމާލް ޚަޝޯގީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، އޭނާ މަރާލެވިފައިވާ ކަމަށާއި އެމަރުގެ ތުހުމަތު ސައުދީ ސަރުކާރަށް، ޚާއްސަކޮށް ޕްރިންސް މުހައްމަދު ބިން ސަލްމާނަށް ކުރެވުމުންދާއިރު މުޅި އަރަބި ދުނިޔެ ހިމޭނުން އޮންނާތީ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މަޢުދަނީ ގޮތުން ބޮޑު މުއްސަނދި ކަމެއް ލިބިފައި އޮތް އަރަބި ދުނިޔެއަކީ މުޅި ދުނިޔޭގައިވެސް ބާރުގަދަ ބަސްވިކޭ ގައުމުތަކެއް އެކުލެވޭ ތަނެކެވެ. އެހެންނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްސަކޮށް މުސްލިމުންނަށް އިހާނެތިގޮތް މެދުވެރިވަމުންދާ ކޮންމެ ދަނޑިވަޅެއްގައި އަރަބި ގައުމުތަކުން އެއްވެސް ކަމެއް ނުކޮށް ދެއަތް އުރާލައިގެން ތިބޭ އަޑު އަބަދުވެސް އިވެއެވެ.

މިފަހަރު ނޫސްވެރިޔަކު ގެއްލުވާލައި ނުވަތަ މަރާލާފައިވާއިރު އެނޫސްވެރިޔާ އެންމެ ފަހަކަށް ވަން ތަނަކީ ތުރުކީގެ ވެރިރަށް އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓަށެވެ. އޭނާއާއެކު ކޮންސިއުލޭޓަށް ދިޔަ ނޫސްވެރިޔާގެ ބައިވެރިޔާ ބުނެފައިވަނީ އޭނާގެ އިންތިޒާރުގައި ކޮންސިއުލޭޓު ބޭރުގައި 11 ގަޑިއިރު ހޭދަކުރި ކަމަށެވެ.

އަދި އެގާރަ ގަޑިއިރު ވީއިރުވެސް ޚަބަރެއް ނުވެގެން ތުރުކީ ސިފައިންގެ ސަމާލުކަމަށް އެކަން ގެނައުމުން، ތުރުކީ ސިފައިން ވަނީ ޖަމާލް ޚާޝޯގީ ގެއްލިފައިވާ ކަން އިއުލާންކޮށް އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެކަމާ ގުޅޭގޮތުން ސައުދީ ސަރުކާރުން މިހާތަނަށް ބުނެފައިވަނީ ޖަމާލް ޚަޝޯގީ ވަނީ ކޮންސިއުލޭޓު ދޫކޮށް ގޮސްފައި ކަމަށާއި، އޭނާއަށް ވީގޮތެއް ނޭނގޭ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ސައުދީ ސަރުކާރުން މިހެން ބުނި ނަމަވެސް ކޮންސިއުލޭޓުން ޖަމާލް ޚަޝޯގީ ނިކުތް މަންޒަރެއް، ނިކުތްތަން ފެނުނު މީހެއް ނެތެވެ. އަދި އޭނާ ހޯދުމަށް މަސައްކަތެއް ކުރާ ތަނެއްވެސް ނުފެނެއެވެ. ޖަމާލް ޚާޝޯގީ ކޮންސިއުލޭޓަށް ވަން ފަހުން ކާރުތަކުގައި ގޮތް ނޭނގޭ ބަޔަކު ކޮންސިއުލޭޓަށް ވަން ކަމަށާއި އަދި އޭގެ ގަޑިއިރުތަކެއް ފަހުން އެމީހުން ނިކުމެގެން ދިޔަ ކަމަށް ތުރުކީ ސިފައިން ހާމަކޮށްފައިވެއެވެ.

އަދި އެމީހުން އިސްތަންބޫލަށް އައިސްފައިވަނީވެސް ހަމަ އެދުވަހު ކަމަށާއި އެމީހުން އައީ ޕްރައިވެޓް ޖެޓެއްގައި ކަމަށާއި އަނބުރާ ގައުމު ދޫކޮށް ދިޔައީވެސް ޖެޓުގައި ކަމަށް ތުރުކީ އިދާރާތަކުން ހާމަކޮށްފައިވެއެވެ. ތުހުމަތުތައް އަމާޒުވަނީ ސައުދީގެ ވަލީއުލްއަމްރު، މުހައްމަދު ބިން ސަލްމާންގެ އޯޑަރަށް ޖަމާލް ޚަޝޯގީ މަރާލުމަށް ދިޔަ މީހުން އެ ކޮންސިއުލޭޓަށް ވަދެ އޭނާ މަރާލުމަށް ފަހު ހަށިގަނޑު ވަނީ ނައްތާލާފައެވެ.

ޕްރިންސް މުހައްމަދު މިތުހުމަތުތަކާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައިނުވި ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޯނުން ގުޅުއްވުމަށް ފަހު ޖަމާލް ޚަޝޯގީއަށް ވީގޮތެއް އެނގިފައިނުވާ ކަމަށް ބުނެފައިވެއެވެ. އިތުރު އެއްވެސް އެއްޗެއް ހާމަކޮށްފައިނުވާއިރު ޔޫރަޕުގެ ގައުމުތަކުން މިހާރު އަންނަނީ ސައުދީއާ ދުރުވަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ނޫސްވެރިޔާއަށް ވީގޮތެއް ސައުދީން ހާމަކުރުމަށް ގޮވާލާފައެވެ. އަދި ނޫސްވެރިޔާ މަރާލާފައިވާ ކަމަށް ވާނަމަ ސައުދީއާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޓްރަމްޕް ބުނެފައިވަނިކޮށް ޝާހީ އާއިލާއާ ގާތް ގުޅުމެއް އޮންނަ މީހަކު ވަނީ އެމެރިކާއިން އަޅާ އެއް ފިޔަވަޅަށް 80 ފިޔަވަޅު ސައުދީން އަޅާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

އެއިންޒާރަށް ފަހު ޓްރަމްޕްގެ ރާގު ބަދަލުވެ، ސައުދީއާ އެއްކޮޅަށް ވާހަކަތައް ބައްޓަން ކުރިތަން ފެނިގެން ދިޔައެވެ. ނޫސްވެރިޔާގެ އެއްވެސް ޚަބަރެއް ވެފައިނުވާތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އަރަބި ބޮޑެތި ގައުމުތަކުން ވަނީ އެކަމާ ގުޅޭގޮތުން ނޫސްބަޔާންތަކެއް ނެރެފައެވެ.

މިސްރާއި އެކުވެރި އަރަބި އިމާރަތް، ލުބުނާން އަދި އުރުދުން ގެ އިތުރުން ބަހުރެއިން ބަޔާންތައް ނެރުނު ގައުމުތަކުގައި ހިމެނެއެވެ. ދިވެހި ރާއްޖެވެސް އެ ލިސްޓުގައި ހިމެނެއެވެ. މިހުރިހާ ގައުމުތަކުން ވެސް ނެރުނު ބަޔާންތަކުގައި ވަނީ ސައުދީ އަރަބިއްޔާއާއި އެއްކޮޅަށް ބަޔާން ނެރެފައެވެ. އަދި އެއްވެސް ގައުމެއްގެ ސިޔާސީ ހަމަޖެހުމަށް ނުރައްކަލެއް ނުކުރުމަށާއި ސާބިތުނުވާ ކަންތަކުގެ ވާހަކަ ނުދެއްކުމަށް ގައުމުތަކުގެ ރައްޔިތުންނަށް ގޮވާާފައިވެއެވެ.

މުސްލިމް ގައުމުތަކުން ނޫސްވެރިޔާ ގެއްލިފައިވާތާ ދެ ހަފްތާ ވީއިރުވެސް ކަންބޮޑުވުން ފާޅުކޮށްފައި ނުވި ނަމަވެސް ޔޫރަޕްގެ ގައުމުތަކުން ވަނީ މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ފްރާންސާއި އިނގިރޭސި ވިލާތް އަދި ޖަރުމަނު ވިލާތުން ވެސް ވަނީ މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، ސައުދީ ސަރުކާރާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީ ވުމަށް ގޮވާލާފައިވެއެވެ.