ސައުދީ އަރަބިއްޔާގެ ނޫސްވެރިޔެއް ކަމަށްވާ ޖަމާލް ޚާޝޯގީ ތުރުކީގެ ސައުދީ ކޮންސިއުލޭޓަށް ވަން ފަހުން ގެއްލިފައިވަނިކޮށް އެމައްސަލައާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން ސައުދީއާ ދުރުވަމުން އަންނަ މި ދަނޑިވަޅުގައި، އެމެރިކާއިން ސައުދީގެ 100 މިލިއަން ޑޮލަރާއި ހަވާލުވެއްޖެއެވެ.
މިފައިސާ އެމެރިކާއަށް ދީފައިވަނީ ނޫސްވެރިޔާ ގެއްލުމާ ގުޅިގެން އެމެރިކާ ރައީސްގެ ފަރާތުން ސެކްރެޓަރީ އޮފް ސްޓޭޓް، މައިކް ޕްމްޕިއޯ ސައުދީ ވަލީއުލްއަމްރު، މުހައްމަދު ބިން ސަލްމާނާއި ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގައެވެ.
ސައުދީ އިން އެމެރިކާއަށް މިފައިސާ ދީފައިވަނީ ސީރިޔާ ގައި އުފެދިފައިވާ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް ކަމަށް ބުނެފައިވެއެވެ.
ނަމަވެސް ގިނަ ބަޔަކު ވަނީ އެމެރިކާއަށް މިފައިސާ ދީފައިވަނީ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީ ގެއްލުމާއި ގުޅިގެން އެމެރިކާއިން ކުރަމުންދިޔަ ސުވާލުތަކާއި ފިއްތުންތައް މަޑުޖައްސާލުމަށް ކަމަށް ބުނެ އެމެރިކާއަށް ފާޑުކިޔާފައެވެ.
ނޫސްވެރިޔާ ގެއްލުމާއެކު އެމެރިކާއިން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ސައުދީ ސަރުކާރަށް ޖަވާބުދާރީ ވުމަށް ގޮވާލާފައެވެ. އަދި ސައުދީއިން ނޫސްވެރިޔާ މަރާލާފައިވާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޒާރުވެސް ދީފައެވެ.
ނަމަވެސް ސެކްރެޓަރީ މައިކް ސައުދީއަށް ވަޑައިގެންނެވުމަށް ފަހު އެމެރިކާއިން މިމައްސަލައާ ގުޅޭ ގޮތުން ދެކެމުން އައި ގޮތް ވަނީ ބަދަލުވެފައެވެ. ޚާއްސަކޮށް އެގައުމުގެ ރައީސް، ޓްރަމްޕްގެ ރާގު ވަނީ މައްސަލައާ ގުޅޭގޮތުން ބަދަލުވެފައެވެ. ޓްރަމްޕް ވަނީ އެއްވެސް ގައުމަކާ ގުޅޭ ގޮތުން ސާބިތުނުހިފޭ ވާޙަކަ ނުދެއްކުމަށާއި ތަހުގީގުތަކަށް ފުރުސަތު ދިނުމަށް ގޮވާލާފައެވެ.