Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ޖަމާލް ޚަޝޯގީއަށް ވީގޮތް ހޯދުމަށް ރަސްގެފާނު މަސައްކަތް ފައްޓަވައިފި

މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީއަށް ވީގޮތެއް އޮޅުންފިލުއްވަން ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް މަސައްކަތް ފައްޓަވައިފި ކަމަށް މެދުއިރުމަތީގެ އިތުބާރުހުރި ނޫސްއެޖެންސީތަކުން ރިޕޯޓުކުރަން ފަށައިފިއެވެ.

ސަރުކާރުގެ ގިނަ ކަންތައްތަކާއި ބޭރު ދުނިޔޭގެ ކަންތަކާ ދުރުވެވަޑައިގެން ހުންނެވި ސަލްމާން ރަސްގެފާނަށް، ނޫސްވެރިޔާ ގެއްލިފައިވާ ޚަބަރު ކުރިން ލިބިފައިނުވާ ކަމަށް ރޮއެޓާސް އިން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ނޫސްވެރިޔާ "މަރާލުމުގެ" ތުހުމަތު ކުރެވޭ ރަސްގެފާނުގެ ދަރިކަލުން، އަމީރު މުހައްމަދު ގާތް ބޭފުޅުން ވަނީ ރަސްގެފާނަށް ޚަބަރު ނުފޯރާނެ ގޮތަށް މަސައްކަތް ކޮށްފައި ކަމަށް ވެސް ޚަބަރު ލިބެއެވެ.

ނަމަވެސް މުޅި ދުނިޔޭގެ ހުރިހާ މީޑިޔާއެއްގައި ފާއިތުވެދިޔަ ދެފަހްތާއެއް ވަންދެން އެންމެ ގަދައަށް ދެކެވުނު ވާހަކަ އެންމެ ފަހުން ރަސްގެފާނުގެ ކަންފަތްޕުޅާ ހަމައަށް ފޯރުމުން އެކަމުގެ ހަގީގަތް ހޯއްދެވުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ.

އެގޮތުން ރަސްގެފާނުގެ އެންމެ ގާތް ވަޒީރު، މައްކާގެ ގަވަނަރ، ޕްރިންސް ޚާލިދް އަލް ފައިސަލް ވަނީ ސީދާ ތުރުކީގެ ރައީސް އުރުދުޣާނާ ބައްދަލުކުރައްވަން ފޮނުވާފައެވެ. އުރުދުޣާނާ ގާތް ގުޅުމެއް އޮންނަ ފައިސަލްއަށް ތުރުކީގެ ރައީސް ވަނީ މައްސަލައިގެ އެންމެ ފަހުގެ ޚަބަރުތައް ފޯރުކޮށްދެއްވާފައެވެ.

އަދި މުޅި ދުނިޔޭގެ އަމާޒު މިމައްސަލައަށް ހުއްޓިފައިވާ މިދަނޑިވަޅުގައި ރަސްގެފާނު ވަނީ މައްސަލައިގެ ހަގީގަތް ހޯދުމަށް ސައުދީގެ އިސް ބައެއް ކަމާ ބެހޭ ފަރާތްތަކުން ފޮނުވާފައި ކަމަށް ޚަބަރު ލިބެއެވެ.

މިމަހުގެ ދެވަނަ ދުވަހު ނޫސްވެރިޔާ ޖަމާލް ޚަޝޯގީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަދެފައިވަނީ އޭނާގެ ކުރީގެ އަންހެނުން ވަރިކުރި ކަމުގެ ލިޔުންތައް ހޯދުމަށެވެ. އެފަހުން ޖަމާލް ޚާޝޯގީގެ ޚަބަރެއް ވެފައިނުވާއިރު ތުހުމަތު ކުރެވެނީ 15 މީހުންގެ އަސްކަރީ ޓީމަކުން ވަނީ ނޫސްވެރިޔާ މަރާލާފައެވެ. އޭގެތެރެއިން ހަތަރު މީހުންނަކީ އަމީރު މުހައްމަދާއި ގާތް ގުޅުމެއް އޮތްކަން ސާބިތުވެފައިވާ ހަތަރު މީހުން ކަމަށް ވެސް ވަނީ ރިޕޯޓު ކުރެވިފައެވެ.