Last Updated: May 20, 11:52
Monday, May 20, 2024
ދުނިޔެ

ނޫސްވެރިޔާ މަރާލީ ކޮންސިއުލޭޓްގެ ތެރޭގައި ކަމަށް ސައުދީ އިން އެއްބަސްވެއްޖެ

ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީއަރަބިއްޔާގެ ކޮންސިއުލޭޓްގެ ތެރޭގައި ސައުދީއަރަބިއްޔާގެ ނޫސްވެރިޔަކު މަރާލާފައިވާ ކަމަށް ތުރުކީގެ ފުލުހުން ތުހުމަތުކުރާ މައްސަލައަށް ސައުދީސަރުކާރުން އެންމެފަހުން އެއްބަސްވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނޫސްވެރިޔާ ކަޝޯގީ "މަރުވެފައިވަނީ" ކޮންސިއުލޭޓްގެ ތެރޭގައި ހިނގި ދެބަސްވުންތަކެއްގައި ތެރޭގައި އަތުން ބަދަލުކުރެވުުނު ހަމަލާތަކެއްގައި ކަމަށެވެ.

މިމަހުގެ ދެވަނަ ދުވަހު ނޫސްވެރިޔާ ޖަމާލް ޚަޝޯގީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަދެފައިވަނީ އޭނާގެ ކުރީގެ އަންހެނުން ވަރިކުރި ކަމުގެ ލިޔުންތައް ހޯދުމަށެވެ. އެފަހުން ޖަމާލް ޚާޝޯގީގެ ޚަބަރެއް ނުވެ ގިނަ އިރުތަކެއް ވުމުން އޭނާގެ ލޯބިވެރިޔާ ވަނީ ތުރުކީގެ ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ ގެނެސްފައެވެ.

އެހިސާބުން ތުރުކީ ފުލުހުން ވަނީ ކޮންސިއުލޭޓަށް ވަދެ ތަހުގީގު ފަށާފައެވެ. ތުރުކީގެ މީޑީޔާތަކުގައި އެ ގައުމުގެ އެޓާނީ ޖެނެރަލްގެ އޮފީހާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ނޫސްވެރިޔާ ކަޝޯގީ މަރާލިކަމުގެ ހެކި އެގައުމުގެ ފުލުހުން ވަނީ ހޯދާފައެވެ.

ސައުދީއަރަބިއްޔާއިން އެގައުމުގެ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ މަރާލިކަން ކަށަވަރުކޮށްދީފައި ވާއިރު އެކަމުގެ އަޑީގައި ހުރީ އެގައުމުގެ ރަސްގެފާނުގެ ދަރިކަލުން ކަމަށް ގިނަބަޔަކު ތުހުމަތު ކުރެއެވެ.

ސައުދީއަރަބިއްޔާގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަޝޯގީ އާއި އިތުރު ބަޔަކާއި ދެމެދު މާރާމާރީ ހިނގީ ކޮންސިއުލޭޓްގެ ތެރޭގައި ހިނގި ދެބަސްވުންތަކެއްގެ ސަބަބުންނެވެ.

ސައުދީއަރަބިއްޔާގެ ޕަބްލިކް ޕްރޮސެކިއުޓަރާއި ހަވާލާދީ މީޑިޔާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކަޝޯގީ މަރާލި މައްސަލަ އާއި ގުޅިގެން އެގައުމުގެ ޖާސޫސީ އިދާރާގެ ޑެޕިއުޓީ ޗީފް އަހްމަދް އަސީރީ އާއި ރޯޔަލް ކޯޓުގެ އެޑްވައިސަރު ސައުދް އަލް ޤަހްތާނީ ވަނީ މަގާމުން ދުރުކޮށްފައެވެ.

އަދި މީގެ އިތުރުން 18 މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ސައުދީއަރަބިއްޔާގެ ދައުލަތުގެ މީޑިޔާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ސައުދީއަރަބިއްޔާއިން ކަޝޯގީ މަރާލީ ކޮންސިއުލޭޓްގެ ތެރޭގައި ކަމަށް އެއްބަސްވި ނަމަވެސް، މިހާތަނަށް ވެސް ކަޝޯގީގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ. އޭނާގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ތުރުކީގެ ފުލުހުން ދަނީ ކުރަމުންނެވެ.