މިރޭ 8 ޖަހާކަށް ހާ އިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކުރިމަތީގައި ހުރި ޖޯލިއެއްގައި ތިބި ދެ ފުލުހަކަށް ބަޔަކު ގަލުން ހަމަލާދިފިއެވެ.
ހޮސްޕިޓަލް ސަރަހައްދުގައި ހުރި މީހަކު "އައްޑޫލައިވް" އާއި ވާހަކަ ދައްކަމުން ބުނީ ފުލުހުން ޖޯލީގައި ތިއްބާ ބަޔަކު އެމީހުނާއި ދިމާލަށް ގާއުކާފައިވާކަމަށެވެ. މި ހާދިސާގައި ފުލުހަކަށް އަނިޔާވި ކަމެއް ނޭގެއެވެ.
ހިތަދޫން ފުލުހުންނާއި ދިމާލަށް ގާއުކާފައިވަނީ މިއަދު ހަވީރު މަރަދޫ ޒުވާނުން ތަކަކަށް ފުލުހުން އަނިޔާ ކުރުމާއި ގުޅިގެން އާއްމުން ނިކުމެ މަސްރަހު ހޫނުވެފައިވަނިކޮށެވެ.
މިއަދު ހަވީރު ހިނގި ހާދިސާގައި ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށް ބަޔަކު ހައްޔަރުކޮށް މަރަދޫ ގައި ހުންނަ ޕީޕީއެމް ޒުވާނުންގެ ޖަގަހައަށް ވަދެ ޕެޕަރ ސްޕްރޭ ޖަހާފައެވެ. އަދި ޕެޕާ ސްޕްރޭ ޖެހިވަގުތު އެސަރަހައްދުގައި އަންހެނުންނާއި ކުޑަކުއްޖަކު ހުރި ކަމަށް މަރަދޫ މީހުން ބުނެއެވެ.
ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށް ބަޔާނެއް ނެރެފައެވެ.
ފުލުހުން މަރަދޫގައި ހިންގި ހާދިސާ ކިޔައިދީފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފައެވެ.