Last Updated: June 9, 20:11
Tuesday, June 9, 2026
ކުޅިވަރު

ރެއާލް ނޫން ޓީމަކާ ނުގުޅޭނަން: ހަޒާޑު

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުމުގެ ފުރުސަތު ނުލިބިއްޖެނަމަ އެހެން އެއްވެސް ޓީމަކާ ގުޅުމުގެ ޚިޔާލެއް ނެތް ކަމަށް ޗެލްސީގެ ފޯވާޑް، އެޑެން ހަޒާޑު ބުނެފިއެވެ.

ހަޒާޑު ހޯދަން ރެއާލުން މަސައްކަތް ކުރާތާ ދެވަރަކަށް އަހަރު މިހާރު ވެދާނެއެވެ. ކުޅުންތެރިޔާ ވެސް ވަނީ ޔޫރަޕުގެ ޗެމްޕިއަނުންނާ ގުޅުމުގެ ޝައުގުވެރިކަން އެކި ފަހަރު މަތިން ފާޅުކޮށްފައެވެ.

ކޮންޓޭ ޗެލްސީގެ ކޯޗު ކަމުން ވަކިކުރުމަށްފަހު ސާރީ މަގާމަށް އައްޔަން ކުރުމުން އޭނާ ވަނީ ހަޒާޑު ވިއްކާނުލާނެ ކަމަށް ބުނެފައެވެ. މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ސާރީ ކުލަބާ ގުޅެން އެއްބަސްވީ ވެސް ހަޒާޑު މަޑުކުރާނެ ކަމުގެ ޔަގީންކަން ލިބުމުންނެވެ.

ޗެލްސީގެ އެންމެ މުހިންމު ކުޅުންތެރިޔާ ހަޒާޑު ވަނީ މިސީޒަނުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ވެފައެވެ. އޭނާ ވަނީ 7 ގޯލު މިހާތަނަށް ޖަހާފައެވެ. ލީގުގައި މިއަދު ޗެލްސީ ކުޅޭނީ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ.