Last Updated: April 19, 10:13
Friday, April 19, 2024
ޚަބަރު

ރައްޔިތުން ދަސްނުވީ ރައްޔިތުންގެ ވެރިއަކަށް ނުވާތީ

ރައީސް އަބްދުﷲ ޔާމީންގެ ނުކުޅެދުންތެރިކަމަކީ ފަސް އަހަރުވީ އިރުވެސް މީހުން ދަސްނުވުން ކަމަށް އަމިއްލަ ދޫފުޅުން ވިދާޅުވި ވިދާޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ރައްދު ދެއްވައިފިއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ ރައީސް ޔާމީން، ރައްޔިތުން ދަސްނުވި ކަމަށް ވިދާޅުވެ ޝަކުވާ ކުރައްވާއިރު ފަސް އަހަރު ނިމިގެން ދިޔައީ ރައްޔިތުންގެ ވަޑައިނުގެންނެވި ކަމަށެވެ.

އަދި ރަށް ރަށަށް ވަޑައިގެންނެވީ މަދުން ކަމަށާއި ވަޑައިގަންނަވާ އިރުވެސް ބަނދަރުމަތިން ނުވަތަ އެހެންތަނަކަށް ރައްޔިތުން އެއްކުރުމަށް ފަހު ވާހަކަ ދައްކަވައި އެރަށުން ފައިބާވަޑައިގަންނަވާނެ ކަމަށް އަމީތު ވިދާޅުވިއެވެ. ރައްޔިތުންގެ ހާލު ބެއްލެވުމެއް، އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމެއް ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ ރައީސުން ވެރިކަން ނިންމާލެއްވި އިރު ދެއްކެވި ރީތި ނަމޫނާ ރައީސް ޔާމީނަށް ނުދެއްކެވުނު ކަމަށާއި އެމަނިކުފާނު ވަނީ ބަލި ގަބޫލުނުކުރައްވާ، ގޮތް ދޫނުކުރުން އިސް ކުރައްވާފައި ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން އިންތިޚާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދަވާފައިވަނީ އިންތިޚާބުން ބަލިވެފައިވާ ކަން އިއުލާން ކުރެއްވުމަށް ފަހުގައެވެ. މިމައްސަލައިގެ ހުކުމް އިއްވުން މާދަމާ އޮންނާނެ ކަމަށް ޑީޖޭއޭ އިން ވަނީ އިއުލާން ކޮށްފައެވެ.