Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޚަޝޯޤީ "މަރާލުމާއި" ގުޅިގެން އޮސްޓްރޭލިއާއިން ސައުދީ ސަމިޓު ބޮއިކޮޓްކޮށްފި

ސިޑްނީ (20 އޮކްޓޫބަރ): ވީނުވީއެއް ނޭގި ގެއްލިފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލު ޚަޝޯގީ "މަރުވެފައިވާ" ކަމަށް ސައުދީ ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވާތީ އެގައުމުގައި މިމަހުގެ 23 އިން 25 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ފިއުޗަރ އިންވެސްޓުމަންޓު ސަމިޓު" އޮސްޓްރޭލިއާއިން ބޮއިކޮޓް ކުރަން ނިންމައިފިއެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރ އަދި ޓްރޭޑު މިނިސްޓަރ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޚަޝޯގީ އާއި ގުޅޭގޮތުން މިހާތަނަށް ސައުދީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލައި އިންވެސްޓުމަންޓު ސަމިޓުގެ ބޭނުމެއް ނެތް ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނޫސްވެރިޔާ ކަޝޯގީ "މަރުވެފައިވަނީ" ކޮންސިއުލޭޓްގެ ތެރޭގައި ހިނގި ދެބަސްވުންތަކެއްގައި ތެރޭގައި އަތުން ބަދަލުކުރެވުުނު ހަމަލާތަކެއްގައި ކަމަށެވެ.

މިމަހުގެ ދެވަނަ ދުވަހު ނޫސްވެރިޔާ ޖަމާލް ޚަޝޯގީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަދެފައިވަނީ އޭނާގެ ކުރީގެ އަންހެނުން ވަރިކުރި ކަމުގެ ލިޔުންތައް ހޯދުމަށެވެ. އެފަހުން ޖަމާލް ޚާޝޯގީގެ ޚަބަރެއް ނުވެ ގިނަ އިރުތަކެއް ވުމުން އޭނާގެ ލޯބިވެރިޔާ ވަނީ ތުރުކީގެ ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ ގެނެސްފައެވެ.

އެހިސާބުން ތުރުކީ ފުލުހުން ވަނީ ކޮންސިއުލޭޓަށް ވަދެ ތަހުގީގު ފަށާފައެވެ. ތުރުކީގެ މީޑީޔާތަކުގައި އެ ގައުމުގެ އެޓާނީ ޖެނެރަލްގެ އޮފީހާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ނޫސްވެރިޔާ ކަޝޯގީ މަރާލިކަމުގެ ހެކި އެގައުމުގެ ފުލުހުން ވަނީ ހޯދާފައެވެ.

ސައުދީއަރަބިއްޔާއިން އެގައުމުގެ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ މަރާލިކަން ކަށަވަރުކޮށްދީފައި ވާއިރު އެކަމުގެ އަޑީގައި ހުރީ އެގައުމުގެ ރަސްގެފާނުގެ ދަރިކަލުން ކަމަށް ގިނަބަޔަކު ތުހުމަތު ކުރެއެވެ.

ސައުދީ ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ހާއްސަ އިސްނެގުމަކަށް ބާއްވާ ސަމިޓު ބޮއިކޮޓް ކުރަން ގިނަ ގައުމުތަކުން ވަނީ ނިންމާފައެވެ. ހަޝޯގީގެ މައްސަލާގައި ސައުދީއަށް ގިނަ ބަޔަކު ފާޑު ކިޔަމުން އަންނަ އިރު މިކަމާއި ގުޅިގެން އެގައުމުން 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.